މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތާއި ގުޅޭ އަށް ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެގޮތުން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ މި އަށް ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޒިޔާތުގެ މައްޗަށް 30 ދައުވާއެއް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ފުލުހުން ތަހުޤީޤު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި 55 ރަށުގެ ތެރެއިން 30 ރަށުގެ މައްސަލަ ހިމެނެއެވެ.
ޒިޔަތުގެ މައްޗަށް އެ 30 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 30 ދައުވާއެއް އުފުލާފައިވާއިރު، މިދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.
މިއީ މިފަހަކަށް އައިސް އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައިވާއިރު، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި އަދީބުގެ މައްޗަށް 10 ދައުވާއެއް ވަނީ ކޮށްފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފަ އެވެ.
އަދީބާއި ޒިޔާތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.