މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
އެގޮތުން އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 15:00 ގައެވެ. އެންމެ ފަހުން މިމައްސަލާގައި ކޯޓުން ބާއްވަން ތާވަލް ކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އެންމެ ފަހުން މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިދިއަ ހަފްތާގެ އާދިއްތަ ދުވަހަށް ތާވަލް ކުރިއިރު، އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ހެކިން ހާޒިރު ނުކުރެވިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މި މައްސަލާގައި ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް ދައުލަތުން 29 ހެކި ހުށަހަޅާފައިވާއިރު ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްްމަދު ނޫރުއްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.
ސުއައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައިވެއެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.
މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. މިހާތަނަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ބައެއްގެ ހެކިބަސް މިހާރު ވަނީ ނަގާފައެވެ.
ރިލްވާން ވަގަށް ނެގި ކަމުގެ ދައުވާ ލިބޭ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށް ބުނެ އޭނާއާއެކު ވިޔަފާރީގައި މަސައްކަތް ކުރި އޭނާގެ ދެ ރައްޓެއްސަކު މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ ހެކި ބަސް ދީފައެވެ.
ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.