Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

މަހުލޫފަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު

އަހުމަދު މަހުލޫފް

މާފުށީ ޖަލުގައި މީހުން މަރުވަނީން ނޫން ކަމަށާއި ގަސްތުގައި މަރަނީ ކަމަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ހުރާ ދައުވާގެ ޝަރީއަތްތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

އެ މައްސަލާގައި މަހުލޫފުގެ މައްޗަށް ކުރަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ކުރަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓުގައި މަހުލޫފުވަނީ މާފުށީ ޖަލުގައި ގަސްތުގައި އެކަށީގެންވާ ފަރުވާ ނުދީ މީހުން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް މަހުލޫފު ވެސް ވިދާޅުވި އެވެ.

މި ދައުވާއާއި ބެހޭގޮތުން އިއްޔެ މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުުގައި މީހުން މަރުވަމުންދަނީ ބޭސް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް މަރުވެފައިވާ ގިނަ ގައިދީންގެ އާއިލާތަކުންނާއި ބައެއް އޮފިސަރުން ވެސް ޤަބޫލުކުރާ ކަމަށެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސް ދައުރެއް އަދާ ކުރައްވާ މަހުލޫފްގެ މައްޗަށް ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބަހައްޓައިގެން ގިނަ ދައުވާތަކެއް ދަނީ ކުރަމުންނެވެ.