Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ކައުންސިލްގެ ދެވަނަ ގުރުއާން މުބާރާތް ފަަށައިފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އައްޑޫގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ދެވަނަ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.

މި މުބާރާތުގެ ކިޔެވުން މިއަދު ހުޅުމީދޫ އަވަށުގައި ފެށުމަށް ހަމަޖެހިފައިވާ އިރު ހުޅުމީދޫ ކުދިންގެ ކިޔެވުން އޮންނާނީ ސ. އަތޮޅު މަދްރަސާގަ އެވެ. އަދި ފޭދޫ، މަރަދޫފޭދޫ، ހިތަދޫ އަވަށުގެ ސުކޫލް ކުދިންގެ ކިޔެވުން އޮންނާނީ 19-20 މި ދެ ދުވަހު ޝަރަފުއްދީން ސްކޫލް ހޯލްގަ އެވެ.

ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން ތިން ދަންފަޅީގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ބާރާތުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ފެށޭނީ 8:30 ގަ އެވެ. އަދި މެންދުރު ދަންފަޅީގެ ކިޔެވުން 2 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ އިރު ރޭގަނޑު ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 8 ޖަހާ އިރު އެވެ.

އަށާރަ ސްކޫލަކުން ޖުމްލަ 230 ކުދިން ބައިވެރިވާ މި މުބާރާތަކީ މާލޭގައި ބޭއްވޭ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަށް އައްޑޫ ސިޓީން ބައިވެރިވާ ކުދިން ހޮވުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ.
އެހެންކަމުން މިމުބާރާތުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކަ މާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ފަނޑިޔާރުން ގެންނަވާފައި ވަނީ މާލެއިންނާއި ފުވައްމުލަކުންނެވެ.

ކޮންމެ އަތޮޅަކުން 15 ބައިވެރިން ވާދަކުރާ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 30 ވާ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 7 ޖޫން ގަ އެވެ.