Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ދެ ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް

މިއަދު ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ހިތަދޫ 2 ކުއްޖަކު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އެމްއެންއެންޑީއެފް އިން ބުނެފިއެވެ.

ހިތަދޫ، ޗަނބޭލީގެ، އަލީ ފަހުމީ 17، އަދި ޓޮޕާޒް، މަޔާމިން އަލީ 14 ގެއްލިފައިވަނީ އިތުރު ކުއްޖަކާއި އެކު މޫދަށް އެރި އުޅެނިކޮށެވެ. މިކުދިންނާއި އެކު މޫދަށް އެރުނު ހިތަދޫ، ބުލޫގެ ރާއިފް އަލީ ސަލާމަތް ވެފައިވާ އިރު ގެއްލުނު ކުދިން ހޯދުމަށް އެމްއެންޑީއެފްގެ ދެ އުޅަނަދެއް ޑައިވަރުންނާއި އެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި މެންދުރުން ފެށިގެން ސ. ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާއިު އެ ދެ ކުދިން ގެއްލުނު ހިސާބުގެ ރާޅުތައް މިއަދު އާދަޔާ ހިލާފަށްބޮޑެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުދިން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ކަމަށެވެ.