އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް 1-2 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓޮޓެންހަމުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ގޯލު ޖަހާފައިވަނީ ޑެލޭ އަލީއެވެ.
ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ 24 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒް ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް ހާފު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުފެނިއެވެ.
އަދި ފަހު ހާފުގައި މޮރީނިއޯގެ ޓީމުން ލަނޑެއް ޖެހުމަށް އިތުރު މަސައްކަތް ކޮށްފައިވާއިރު 62 ވަނަ މިނެޓުގައި އެންޑަ ހެރޭރާ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ޔުނައިޓެޑުން ލީޑު ނެގުމެވެ.
މެޗުގެ ފަހު ތިރީސް މިނެޓު ޔުނައިޓެޑުން ޑިފެންސަށް ވިސްނައިގެން ކުޅުނު ނަމަވެސް މެޗު ނިމެން ކައިރި ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޔުނައިޓެޑު ބެންޗުން ކުޅެން ނިކުތް މާކަސް ރަޝްފޯޑަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ.
މެޗު ކާމިޔާބުކޮށް އަނެއްކާވެސް ޔުނައިޓެޑު އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ މީގެ ދެއަހަރު ކުރިން ފައިނަލަށް ދަތުރުކޮށް ތަށި ކާމިޔާބު ކުރުމަށް ފަހުގައެވެ. ލުއިސް ވެން ގާލްގެ ފަހު މެޗު ތަށްޓާއެކު ޔުނައިޓެޑު ނިންމިއިރު އޭނާ ވަނީ ދުވަސްކޮޅެއް ފަހުން މަގާމުން ދުރުކޮށްފައެވެ.