އިއްޔެ ހިތަދޫ ފުއްޓަރު ފަރާތުން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ގައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑާއި ހިތަދޫ ޑައިވަރުންގެ ޓީމުތައް ވެސް ބައިވެރިވެއްޖެއެވެ.
މި މަސައްކަތުގައި ހިތަދޫ ލޯންޗަކާއި ދޯންޏެއްވެސް ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ. ފުރަތަމަ ޓީމުގައި ހަ ޑައިވަރުން ފީނައިގެން ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އިތުރު ޓީމެއް ކުރިއަށް އޮތް ގަޑިއެއް ހާއިރު ތެރޭ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވާނެއެވެ.
އިއްޔެ މެންދުރު ފަހު ހިތަދޫ ބޯޅަ ދަނޑެއްގައި ކުޅެން ތިބުމަށްފަހު މޫދަށް ފޭބީ ތިން ކުއްޖެކެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ވެފައިވާއިރު އަނެއް ދެ ކުދިން ވަނީ އޮއިވަރު ބާރުކަމުން ބެހިގެން ގޮސްފައި ކަމަށް މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދިނެވެ.
އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ޑައިވަރުންނާއި ގަމުގައި އޮންނަ ހެލިކަޕްޓަރުން މެދުކެނޑުމެއް ނެތި ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އަދި ދެކުދިންގެ ހިލަމެއްވެސް ވެފައި ނުވާ ކަމަށް ކޯސްޓު ގާޑުން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ކަނޑު ގަދަ، ވައި ބާރު ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބެލެނިވެރިޔަކު ނެތި ކުޑަކުދިން މޫދަށް ނުފޮނުވުމަށް ވެސް ގައުމީ ދިފާއީ ބާރުން އިލްތިމާސް ކުރެއެވެ.