Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންޓަނެޝަލް ދަތުރުތަކަށް 14 މަސް؛ ފްލައިޓަށް ކުޑައާ އެކު

ގަން އެއާޕޯޓުގައި އޮތް ސްރީލަންކަންގެ ފްލައިޓަކަށް ކުޑަ ހިފައިގެން ޕަސިންޖަރުން އަރަނީ.

ސްރީ ލަންކާގެ ގައުމީ އެއާލައިން ސްރީ ލަންކަން އިން އައްޑޫއަށް ޝެޑިއުލް ދަތުރުކުރަމުން ގެންދާތާ، 14 މަސް ދުވަސް ވަނީއެވެ. އައްޑޫ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. މާލެއަށް ނުގޮސް އެމީހުންނަށް މިހާރު ދުނިޔޭގެ އެކި ގައުމުތަކަށް ދެވެން އޮތީމައެވެ.

އެހެން ނަމަވެސް އެ އުފާވެރިކަމަށް ނިމުމެއް އަންނަން މެދުވެރިވެދާނެ ފަދަ ކަންތަކެއް، ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް(އޭއައިއޭ) ގެ ފަރާތުން ދަނީ ފެންނަމުންނެވެ. އެކަންތައް ހިނގަމުން ދަނީ އިހުމާލުން ކަމެއް ނުވަތަ ގަސްތުގައި ކަމެއް ނޭނގެއެވެ.

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ، ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް(އޭއައިއޭ) ގެ "އިންޓަނޭޝަނަލް ސްޓޭންޑާޑް" ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެއީ، 21 ވަނަ ގަރުނު ބަލައިގަންނަ ފެންވަރެއް ނޫނެވެ.

ވިއްސާރަ ދުވަސްތަކުގައި ކުޑަ ނަގައިގެން، ޕަސިންޖަރުން ބޯޓަށް އަރުވަން ޖެހުމަކީ އެއްވެސް އެއާލައިނަކުން ރުހޭނެ ކަމެއް ނޫނެވެ. އަދި އަމުދުން އެ އެއާޕޯޓަކަށް ދަތުރުކުރާތާ 14 މަސް ދުވަސް ވާއިރު، 'ކުޑަ ނަގަން ޖެހޭ މައްސަލަ' ހައްލުކުރުމަށް ތަކުރާރުކޮށް "އާދޭސްކޮށްގެން" ވެސް ހައްލެއް ނުލިބުމަކީ، އެއާޕޯޓް ހިންގާ ކުންފުނި ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ބެލެވިދާނެއެވެ.

އެއާލައިނަކުން އެންމެ މުހިއްމުކަން ދޭނެ އެއްކަމަކީ، ގަޑިއަށް ފުރުމެވެ. އަދި ދަތުރުވެރިންގެ ހިތްހަމެޖެހުން ވެސް މެއެވެ. އެހެން ނަމަވެސް ގަން އެއާޕޯޓުގެ އިންތިޒާމްތައް ހުރިގޮތުން އެކަމަށް ހުރަސްތަކެއް އެބަހުއްޓެވެ.

ސްރީލަންކަންގެ ބޭފުޅުން ގަމަށް ދަތުރު ފެށީ، ގަން އެއާޕޯޓުގައި ހުރި ދަތިތައް "ވަރަށް އަވަހަށް ހައްލުކޮށްދޭނެ" ކަމަށް އޭއައިއޭ އިން ދިން ޔަގީންކަމަށް ބަރޯސާ ވެގެންނެވެ. އެހެން ނަމަވެސް އެ ދަތުރުތައް ފެށިތާ 14 މަސް ދުވަސް ވީއިރުވެސް ގަން އެއާޕޯޓަށް ޖައްސާ ފްލައިޓްތަކަށް އަރަން ދާނެ ބަހެއް ނެތެވެ. ވިއްސާރަ ދުވަހެއް ނަމަ ދާން ޖެހެނީ ކުޑަ ނަގައިގެންނެވެ.

މަތިންދާ ބޯޓަށް އަރަން ބޭނުންކުރާ ސިޑިތަކަކީ ވެސް ހިޔާ ކުރެވިފައިވާ އެއްޗެއް ނޫނެވެ. އެހެންވެ ބައެއް ފަހަރަށް ވާރޭ ތުނިކޮށްލާތޯ، ފްލައިޓް މަޑުކޮށްލަން ޖެހިފައި ވެސް އެބަހުއްޓެވެ. ފްލައިޓްތައް ޑިލޭވާ ކަމަށް ބުނެ ޕަސިންޖަރުންގެ ނުރުހުން ގިނަ ފަހަރަށް އަމާޒުވަނީ އެއާލައިނަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކަން އިން ވަނީ ތަކުރާރުކޮށް ގަން އެއާޕޯޓުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދިނުމަށް އޭއައިއޭ ގައި އެދިފައެވެ. އެހެން ނަމަވެސް މި މައްސަލަތައް ހައްލުކުރުމަށް އޭއައިއޭ އިން މަސައްކަތް ކުރާ ކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ނުވިތާކަށް އެކަން ބޮޑުވެގެން އުޅޭ މަންޒަރެއް ވެސް ނުފެނެއެވެ.

އައްޑޫއަށް އަންނަ ފަތުރުވެރިން، ކުޑައަޅައިގެން ގޮސް ފްލައިޓަށް އަރަން ޖެހޭތީ އެކަމާއި ލަދުން މިއުޅެނީ، އާއްމު ރައްޔިތު މީހާއެވެ. ވާނީވެސް އެހެންތާއެވެ. "ކުޑަނަގައިގެން ޕަސެންޖަރުން ބޯޓަށް އަރަންޖެހުން" ފަދަ މައްސަލަތައް ހައްލު ނުވެގެން ސްރީލަންކަންގެ ދަތުރުތައް ހުއްޓާލައިފި ނަމަ ކުރިމަތިވާނެ ގެއްލުމާއި އުފުލަންޖެހޭނެ ތަކުލީފު އައްޑޫ ރައްޔިތުންނަށް އެނގެއެވެ.

އެކަން އެނގިވަޑައިނުގަންނަވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިސްވެރިންނަށެވެ. އެވެރިން "ބިޒީ ބޯޑުއަޅުވައިގެން" ވެލާނާ އެއާޕޯޓުގެ ފޮޓޯތަކާއި އެކު "ޝުކުރުގެ ޓްވީޓްތައް" ކުރާއިރު، ގަން އެއާޕޯޓްގެ ފެންވަރާއި މެދު ވިސްނާލާ ހެން ހިއެއް ނުވެއެވެ.