Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ހަސަން ދެއްކި ހިތްވަރަށް އެންމެންގެ ޝުކުރު!

* ޙަސަންގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުން
* ޙަސަން ޤަބޫލު ކުރާ ގޮތުގައި އޭނާ އަދާކުރީ ފަރުދީ ޒިންމާ

ފޮޓޯއިން ތިޔަ ފެންނަނީ އިއްޔެ ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެނބުނު 3 ކުދިންގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ކުރި ހިތްވަރުގަދަ ފަހުލަވާނު، ސ.ހިތަދޫ/ބްލޫރޫމް، ޙަސަންދީދީ އެވެ.

ފުޓްބޯޅަ ކުޅެ ނިންމުމަށްފަހު އެކުގައި މޫދަށް ދިޔަ 3 ކުދިންގެ ތެރެއިން ހިތަދޫ/ބްލޫގެ، ރާއިފް އަލީ ބިޔަ ރާޅުތަކުގެ ތެރޭގައި ގެނބެމުން ދިޔަ މަންޒަރު ޙަސަންދީދީއަށް ފެނުމާއި އެކު މޫދަށް އެރި އެ ކުއްޖާ ސަލާމަތް ކުރިއެވެ. އޭރު އެ ސަރަހައްދުގައި ބިޔަ ރާޅުތައް ނަގަމުން ދިއުމުގެ ސަބަބުން ގެއްލުނު ދެކުދިންގެ ހިލަމެއް ނުވާކަމަށް ވެއެވެ.

ޙަސަންދީދީ އަކީ ޙާއްސަ އެހީއަށް ބޭނުންވާ މީހެއް ނަމަވެސް، އެ ނާޒުކު ދަނޑިވަޅުގައި ދެއްކި އާދަޔާ ޚިލާފު ހިތްވަރަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ސިފަކުރާ ގޮތުގައި، ޙަސަން އަކީ ދުވަހުގެ "ހީރޯ"އެވެ.

ޙަސަންދީދީގެ ހިތްވަރަށް ތައުރީފްކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ހަަސަންދީދީ އަށް ނިމުމެއް ނެތި ޝުކުރު ދަންނަވާ ކަމަށެވެ.

އެތައް ބައެއްގެ ތައުރީފް ހަސަންދީދީ އަށް އޮހެމުން ދާއިރު، ބައެއް ފަރާތްތަކުން ދަނީ އޭނާގެ ހިތްވަރު ފާހަގަކޮށް އެވޯޑެއް ނުވަތަ ސެޓްފިކެޓެއް ދިނުމަށް ގޮވާލަމުންނެވެ.

އެހެން ނަމަވެސް ހަސަންދީދީގެ ރައްޓެއްސަކު ބުނި ގޮތުގައިޙަސަންދީދީގެ ނަޒަރުގައި އޭނާ އަދާކުރީ ފަރުދީ ޒިންމާއެވެ. އެކަމަށްޓަކައި އެވޯޑާއި ސެޓްފިކެޓް ދޭން ޖެހޭނެ ކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ.