Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ގިރާ މައްސަލަ އަށް ހައްލު ހޯދާނަން: ހައުސިން

އައްޑޫގެ އަވަށްތަކަށް ކުރިމަތިވެފައިވާ ގިރުމުގެ މައްސަލަ އަށް ސަރަހައްދުތަކަށް ދާއިމީ ހައްލެއް ގެނެސް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޖަމްޝީދު ވިދާޅުވީ ގިރުމުގެ މައްސަލަ ހިތަދޫގެ ފުއްޓަރު ފަރާތަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ދިރާސާއަކާއި ބޮޑެތި ޚަރަދުތަކެއް ހިންގާނެ އެވެ.

އެހެންވެ ސަރުކާރުން ފުރަތަމަ ވިސްނާ ކަމަކީ ބޮޑެތި މަޝްރޫއުތައް ހިންގަން ބޭނު ވާނެ ފައިސާ އާއި އެކަން ކުރާނެ ގޮތްތައް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދައްކަނީ އާދައިގެ ކަންކަމުގެ ވާހަކައެއް ނޫން. ބޮޑެތި ޚަރަދު ހިނގާނެ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ،" ޖަމްޝީދު ވިދާޅުވި އެވެ. އެހެންވީމާ އެކަންކަން ކުރެވޭނީ އެކަންކަމާ މެދު ވިސްނައި ޕްލޭންތަކެއް ހަދައި އޭގެ ތެރެއިން. ރައްޔިތުންނަށް މިކަންކަން ކޮށްދެއްވުމަކީ ރައީސް ޔާމީންގެ ސަރުކާރުން ވިސްނަވާނެ ކަމެއް."

ހުޅުދު އަށް ދިމާވެފައިވާ ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދައި ދޭން ދާދި ފަހުން މަޝްރޫއެއް ހިންގާފައިވާ އިރު، ލިންކް ރޯޑުން ގުޅިފައި ހުރި އައްޑޫގެ ފަޅުރަށްތަކަށް ވަނީ ވަރަށް ބޮޑަށް ގިރުމުގެ މައްސަލަ ދިމާވެފަ އެވެ. މީގެ ސަބަބުން ލިންކް ރޯޑް ހަލާކުވެގެން ދިއުމުގެ ބިރު ވެސް ބޮޑެވެ.