Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ގެއްލުނު އަލީ ފަހުމީގެ ސޯޓު ފެނިއްޖެ

ފާއިތުވި ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ސޯޓް ފެނިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސޯޓު ފެނިފައިވަނީ، ހިތަދޫގައި ފްލެޓް ތަކާއި ދިމާލަށް ފުއްޓަރު ފަރާތު ފަރުމަތިންނެވެ. އެ ސޯޓު ފެނުނީ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފުލުހުންގެ ޓީމަކަށެވެ.

އަލީ ފަހުމީގެ އާއިލާގެ މެންބަރަކު ވަނީ ފެނުނީ އަލީ ފަހުމީގެ ސޯޓުކަން ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ 2 އުޅަނދެއް މިހާރު ދަނީ އަލީ ފަހުމީގެ ސޯޓު ފެނުނު ހިސާބަށް ޑައިވްކޮށްގެން އެ ސަރަހައްދު ބަލަން ފަށާފައެވެ.

ހިތަދޫ ޗަނބޭލީގެ، އަލީ ފަހުމީ، 17، އަދި ހިތަދޫ، ޓޮޕާޒް، މަޔާމިން އަލީ، 14، ގެއްލިފައިވަނީ އިތުރު ކުއްޖަކާއި އެކު މޫދަށް އެރި އުޅެނިކޮށެވެ. އެކުދިންނާއެކު މޫދަށް އެރުނު ހިތަދޫ، ބްލޫގެ، ރާއިފް ވަނީ އާންމު ރައްޔިތެއްގެ އެހީގައި ސަލާމަތް ކުރެވިފައެވެ.

އަލީ ފަހުމީއާއި މަޔާމިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓު ގާޑާއި ދެ ހެލިކޮޕްޓަރު އަންނަނީ ކުރަމުންނެވެ.