Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

މައުމޫނާއި ދެ ފަނޑިޔާރަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާގެ ދެ ވަނަ އަޑުއެހުން މިއަދު ބައްވަން ތާަވަލްކޮށްފިއެވެ.

އެގޮތުން މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:00 އަށެވެ.

ދައުލަތުން އެބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ކުރާ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ވަނީ ވަކީލަކު އައްޔަން ކުރުމަށް އެ ތިން ބޭފުޅުންނަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަނީ އެ ތިން ބޭފުޅުންގެ މައްޗަށް ފުލުހުން ތަހުގީގު ކުރި މައްސަލަތަކުގެ ހެކިތަކެއް އެ ތިން ބޭފުޅުންގެ ފޯނުގައި ހުރި ކަމަށް ތަހުގީގަށް ފާހަގަ ކުރެވިގެން މޯބައިލް ފޯނު ދޭން އެންގުމުން މޯބައިލް ފޯނު ދީފައި ނުވާތީއާއި ފޯނު އޮތްތަނެއް ބުނެދީފައި ނުވާތީ އެވެ.

ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައެވެ.

މީގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތުގެ ދައުވާ ވެސް ކޮށްފައިވާއިރު، އޭގެއިތުރުން އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.