Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ޕީއެޗްޑީ ދަސްވެނިންނާ ރައީސް ބައްދަލުކޮށްފި

ރައީސް ޔާމީން އެމްއެންޔޫގެ ފުރަތަމަ ޕީ.އެޗް.ޑީ. ދަސްވެނިންނާ ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފުރަތަމަ ޕީ.އެޗް.ޑީ. ދަސްވެނިންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ޔުނިވާސިޓީގެ ފުރަތަމަ ޕީ.އެޗް.ޑީ. ހާސިލުކުރައްވާފައިވަނީ ޑޮކްޓަރ ސުނީނާ ރަޝީދާއި، ޑޮކްޓަރ ޢާއިޝަތު ޢަލީއެވެ. ދެބޭފުޅުންވެސް ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ އެޑިއުކޭޝަންގެ ދާއިރާއިންނެވެ.

ޑޮކްޓަރ ސުނީނާ ރަޝީދު ޕީ.އެޗް.ޑީ. އަށް ކިޔަވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕެއްގައިކަން ފާހަގަކޮށްލެވެއެވެ.

ރައީސުް އޮފީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ، ޕީ.އެޗް.ޑީ. ހާސިލުކުރެއްވި ދެ ބޭފުޅުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތް ފާހަގަ ކުރެއްވާފައެވެ.

އަދި އިސްލާމްދީނުގައިވާ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށާއި، ދީނާއި ޤާއުމާއި ވަޠަންދެކެ ލޯބިވާ، ވަޠަނީ މީހަކަށްވުމަށާއި، ކޮންމެ ހާލެއްގައިވެސް ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ބަސްބުނުމުގެ ޖާގަ ނުދިނުމަށް ރައީސް ޔާމީން ވަނީ ނަސޭހަތްތެރިވެވަޑައިގެންނެފައެވެ.

މީގެ އިތުރުން ޑޮކްޓަރ ސުނީނާ ރަޝީދަށާއި، ޑޮކްޓަރ ޢާއިޝަތު ޢަލީއަށް އުފާ ފާގަތި މުސްތަޤުބަލަކަށް ވެސް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި، އެމްއެންޔޫގެ ފުރަތަމަ ޕީ.އެޗް.ޑީ. ދަސްވެނިން، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕީ.އެޗް.ޑީ. ހާސިލުކުރި ފުރަތަމަ ފަހަރު ކަމުގައިވިއަސް ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްތައް ކުރައްވާފައިވާނެ ކަމަށެވެ.

އެގޮތުން އެގްޒެމިނަރުންގެ ގޮތުގައާއި އެޑިޝަނަލް ސުޕަވައިޒަރުންގެ ގޮތުގައި ތަޖުރިބާކާރު ބޭފުޅުންގެ ޚިދުމަތް ހޯއްދަވާފައިވާނެކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ.