Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ބެސްޓް އޯލް ރައުންޑަށް ރައީސްގެ ހަނދާނީ ފިލައެއް

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އިން އެންމެ މޮޅު ދަރިވަރަކަށް މިދިޔަ އަހަރު ހޮވުން ދަރިވަރަށް ހަނދާނީ ފިލާ ރައީސް ހަވާލުކޮށްދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

ސާނަވީއާއި މަތީ ސާނަވީއިން ރާއްޖޭގެ ސްކޫލްތަކުން ކޮންމެ އަހަރަކު ހޮވާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ނުވަތަ ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ހަމަޖައްސަވައި، މިކަން އެމަނިކުފާނު މިއަދު އިފްތިތާޙު ކުރައްވައިފިއެވެ.

މިކަން އިފްތިތާޙު ކުރެއްވުމުގެ ގޮތުން މިއަހަރު ދެއްވާ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރ. ރަސްގެތީމު ރަސްވެލި ޢާއިޝަތު މަލްޙާއަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ" ދެއްވީ މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި ފިލާ ޢާއިޝަތު މަލްޙާއާ ހަވާލުކޮށްދެއްވުމަށްފަހު އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވަނީ ބޭރު ޤައުމަކަށް ކިޔަވަންދިޔަކަމުގައި ވިއަސް ޤައުމު ދެކެ ލޯބިވުމަށާއި، ވަޠަނީ މީހަކަށް ވުމަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

އަދި ޤައުމެއްގެ ހައިސިއްޔަތުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު އަދާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް އުނގެނިފައިވާ ތަޢުލީމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ވެސް ރައީސް ޔާމީން ނަޞޭހަތްތެރިވެވަޑައިގަތެވެ.

މިއަދު މި ތަޢާރުފު ކުރެއްވި "ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ" މީގެފަހުން ދަރިވަރުންނާ ހަވާލުކޮށްދެއްވާނީ، ސްކޫލްތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެ ޖަލްސާއެއްގެ ޝަރަފުވެރި މެހުމާނު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސްކޫލުތަކުން ހޮވޭ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދެވީ އިނާމެކެވެ.