މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު ރޭ އޭނާ ދިރިއުޅޭ ގެ ކައިރިން މީހަކު ވަރަށް ބާރަށް ހަޅޭއްލެވި އަޑު އިވުނު ކަމަށް މީހަކު މިއަދު ކުރިމިނަލް ކޯޓުގައި ސިއްރުން ހެކި ބަސް ދީފި އެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި މިއަދު ހެކިބަސް ދިނީ ރިލްވާން ދިރިއުޅުނު ފްލެޓް ކައިރީގައި ހުރި މީހެކެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ބުނީ، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭގެ ދަންވަރު 02:00 ހާއިރު އޭނާ ދިރިއުޅޭ ކައިރިން މީހަކު "އޭސް"އޭ ކިޔާފަ ހަޅޭއްލަވައިގެން އަޑު އިވުނު ކަމަށާއި އެ އަޑު އިވުނީ ރިލްވާންގެ ގެ ކައިރިން ކަމަށެވެ. އެކަމަކު އެއީ މާރާމާރީއެއް ކަމަށް ހީކޮށް، އެ އަޑު އައި ތަނަށް ނުބަލާ ކަމަށާއި އެހެންވެ އެ ތަނުގައި ހިނގި އެއްވެސް ކަމެއްގެ މަންޒަރު ނުފެންނަ ކަމަށް އެ މީހާ ބުންޏެވެ.
ދައުވާ ލިބޭ މީހުންގެ ފަރާތުން އޭނާއާ ކުރާނެ ސުވާލެއް ނެތެވެ. ނަމަވެސް ގާޒީ އާދަމް އާރިފު ދެތިން ސުވާލެއް އޭނާއާ ކުރި އެވެ.
ރިލްވާން މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން އެ ސަރަޙައްދުން ފެނުނުތޯ ގާޒީ ސުވާލުކުރެއްވުމުން ސިއްރު ހެކިވެރިޔާ ބުނީ އެއިން އެއްވެސް މީހަކު އޭނާއަށް ނުފެންނަ ކަމަށެވެ.
ނޫރާއި އާލިފްއަށް ކުށް ސާބިތުކުރުމަށް ދައުލަތުން 29 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ދެ ހެއްކަކު ފިޔަވައި އެހެން މީހުންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފަ އެވެ.
ބާކީ ނުނެގި ހުރި ދެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، ދިފާއީ ހެކިންގެ ހެކި ބަސް ނެގުމަށް އަޑުއެހުންތައް ތާވަލުކުރާނެ އެވެ.
އާލިފުގެ ފަރާތުން ދެ މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، ނޫރައްދީންގެ ފަރާތުން ތިން މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
އާލިފާއި ނޫރައްދީންގެ އިތުރުން، މި މައްސަލާގައި ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދަށް ވެސް ދައުވާކުރި އެވެ. އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ބުނާތީ އާއި އޭނާ އުޅޭ ތަނެއް އަދި މަރުވެފައިވާ ކަމެއް ވެސް ދައުލަތުގެ އިދާރާތަކަށް ބުނެދެވިފައިނުވާތީ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.