Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ވަކީލުންނާ ކޮންމެ ދުވަހަކު ބައްދަލު ކުރެވޭނެ ގޮތް ހަދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި އެންމެ ބޮޑު ޖަލު - ފޮޓޯ: ވީނިއުސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް، ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ކޮންމެ ދުވަހަކުވެސް ހަމަޖައްސައިދިނުމަށް އެ އިދާރާ އިން ނިންމައިފި އެވެ.

ކަރެކްޝަންސްގެ ވެބްސައިޓްގައި ބުނެފައިވަނީ މިގޮތަށް މިބަދަލު ގެނައީ މިދުވަސްވަރު ހިނގަމުންދާ ޝަރީއަތްތަކަށް ބެލުމަށްފަހުގައި އާއި، ބަންދުގައި ތިބި ބައެއް މީހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް، ވަކީލުންނާ ކޮންމެ ދުވަހަކު ބައްދަލުކުރެވޭ ގޮތް ހަދާފައި މިވަނީ ވަކީލު ބައްދަލުވުންތައް ހަމަޖެހިފައި އޮންނަ އުސޫލުން ހަމަޖައްސައިނުދޭ ކަމަށް ބުނެ ވަކީލުންގެ ފަރާތުން ކަރެކްޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ކަރެކްޝަންސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން ބަންދުގައި ހުންނަ މީހާ ނުވަތަ ގައިދީގެ ވަކީލުގެ ގޮތުގައި ނަން ހުށަހަޅާފައިވާ ވަކީލަކު، އެ ބަންދު މީހާ ނުވަތަ ގައިދީއެއްގެ މައްސަލައާ މެދު ބައްދަލުކުރުމަށް އެދޭ ފުރަތަމަ ފަހަރު އެ މީހެއްގެ ވަކީލެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެ އެވެ. އަދި އެއަށްފަހު އެ ވަކީލަކު އެ ބަންދު މީހާ ނުވަތަ ގައިދީއާ، އެ މައްސަލާގައި ބައްދަލުކުރުމަށް އެދޭއިރު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުން ހުށަހަޅަން ނުޖެހޭނެ އެވެ.

ކަރެކްޝަނުން ބުނީ ވަކީލު ބައްދަލުވުމަށް ގެނެވުނު މިބަދަލާއެކު ބަންދުގައި ހުންނަ ކޮންމެ މީހަކަށް ނުވަތަ ގައިދީއަކަށް ގިނަވެގެން ދެ ވަކީލުންނާއެކު، ދުވާލަކު އެއް ބައްދަލުވުން ބޭއްވޭނެ ކަމަށެވެ.

އަދި ކޮންމެ ބަންދުމީހަކަށް ނުވަތަ ގައިދީއަކަށް ލިބޭނީ ގިނަވެގެން 2 (ދޭއް) ވަކީލުންނާއެކު، ދުވާލަކު އެއް ބައްދަލުވުން ކަމަށް ވެސް ކަރެންޝަންސް އިން ބުނެއެވެ.

ވަކީލުންގެ ބައްދަލުވުމަށް އެދޭ ފޯމު ބަލައިގަންނާނީ ކުރިއެކޭ އެއްފަދައިން މާލެ ދެކުނުފަރާތު ބޮޑުތަކުރުފާނުމަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފީހުން ކަމަށާއި ރޭގަނޑާއި ދުވާލު، ކޮންމެ ގަޑިއެއްގައިވެސް ވަކީލުން ބައްދަލުކުރުމަށް އެދި ހުށަހަޅުއްވާ ފޯމު އެތަނުން ބަލައިގަންނާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި ވަކި ގަޑިތަކެއްގައި އެކަނި ވަކީލު ބައްދަލުވުން ދިނުމުގެ ބަދަލުގައި، ހަފުތާގެ ކޮންމެ ދުވަހެއްގައި 24 ގަޑިއިރުތެރޭގައި، ބަންދުމީހަކު ނުވަތަ ގައިދީއަކު ނަންހުށަހަޅާފައިވާ ވަކީލަކު އެދުނު ކޮންމެ ގަޑިއެއްގައި ބައްދަލުވުން ދިނުމަށް ނިންމާފައިވާ ކަމަށްވެސް ކަރެކްޝަންސްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ނަމަވެސް، މިގޮތަށް ގަޑި ހަމަޖައްސައި ދެވޭނީ، ފުރަތަމަ އެދިލައްވާ ފަރާތަށް އިސްކަންދީގެން ކަމަށާއި، ކޮންމެ ވަކީލަކަށްވެސް ބައްދަލުވުމަށް ނޯޓުކުރެއްވޭނީ އޭނާގެ މުވައްކިލް އާއެކު ކުރިޔަށް އޮތް ބައްދަލުވުމަށް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އަދި އެދިލައްވާ ގަޑި ލިބެންނެތް ނަމަ، ދެން ލިބެން އޮތް ގަޑި އެއް ޚިޔާރު ކުރެއްވޭނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަދި ވަކީލުންނާ ބައްދަލުކުރުމަށް ބޭނުންކުރާ ތަނުގެ އިތުރުން، މާފުށީ ޖަލުގައި އާއިލާއާ ބައްދަލުކުރާ ތަންވެސް ވަކީލު ބައްދަލުވުމަށް ވަނީ ހުޅުވާލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެގޮތުން އާއިލީ ބައްދަލުވުން ދޭ ތަނުގައި ވަކީލުންގެ ބައްދަލު ވުމެއް ދޭ ނަމަ، ކޮންމެވެސް ގައިދީއެއް ނުވަތަ ބަންދު މީހެއްގެ އާއިލީ ބައްދަލުވުމުގެ ފުރުސަތު ފަސްކުރެވިގެން ދާނެ ކަމަށާއި، އާއިލާއާ ބައްދަލުވުމަށް ހަމަޖެހިފައިވާ ގައިދީ ނުވަތަ ބަންދުމީހާއަށް ފަހުން އެބައްދަލުވުން ދެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.