އަތޮޅުތެރޭގެ ގިނަ އަދަދެއްގެ ރަށްތަކަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
މިއަދު ޖޭއެސްސީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ މެޖިސްޓްރޭޓު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރާނެ ރަށްތައް ކަނޑައަޅާނީ އެ ކޮމިޝަނުން ކަމަށެވެ.
ޖޭއެސްސީ އިން ބުނާ ގޮތުގައި މި މަޤާމްތަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ހުންނަން ވާނެއެވެ. އަދި އެމީހަކީ އުމުރުން 25 އަހަރުން މަތީގެ މީހެއް ކަމުގައި ވާން ވާނެއެވެ.
-
ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
– މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު)
– ވަނަވަރު
– ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް
– ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ
– ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.) ނުވަތަ،
– ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް ނުވަތަ؛
– ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
– ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
– ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
– ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
– ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
– ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން.
– ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.
މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދޭ ފޯމާއި އިޤްރާރު ފޯމް www.jsc.gov.mv ވެބްސައިޓުންނާއި އެ ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.