Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ދަރިވަރަކާ "މާރާމާރީ ހިންގި" ޓީޗަރަކު ސަސްޕެންޑްކޮށްފި

މަޖީދިއްޔާ ސުކޫލުގެ ދަރިވަރަކާ މާރާމާރީ ހިންގި މައްސަލައެއްގައި އެ ސުކޫލުގެ ޓީޗަރަކު ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ އިންޑިއާގެ ހިސާބު ޓީޗަރެކެވެ. އޭނާ ސަސްޕެންޑްކޮށްފައި ވަނީ ދަރިވަރެއްގެ ކަރުގައި ހިފި ކަމުގެ ތުހުމަތުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރަށް ވަކި އެއްޗެއް އަންގަން ދެން ގޭގައި މަޑު ކުރަން އަންގާފައެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ކަރުގައި ޓީޗަރު ހިފި ކަމަށް ތުހުމަތު ކުރަނީ އިއްޔެ ހެނދުނު ހިނގާ ދިޔަ ކަންތައްތަކެއްގައެވެ.

"އެ ދަރިވަރު ކުލާހަށް ވަދެ އެ ކުލާހުގެ ކުދިންނަށް ފުރައްސާރަ ކުރަން ފެށީމަ ޓީޗަރު މަސައްކަތް ކުރީ އޭނާ ކުލާހުން ނެރެން. އެވަގުތު އެދަރިވަރު މާރާމާރީ ހިންގަން އުޅުނީ. ޓީޗަރު ސެލްފްޑިސެންސްގައި މަސައްކަތްކުރި. އެގޮތަށް މަސައްކަތް ކުރަނިކޮށް ކުއްޖާގެ ގައިގައި ޓީޗަރުގެ އަތް ޖެހުނު،" މަންޒަރުދުށް ޓީޗަރަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރެއެވެ.

އެ ޓީޗަރު ބުނި ގޮތުގައި ރާއްޖޭގައި 12 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރަކީ މަޖީދިއްޔާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާ ޓީޗަރަކެވެ. އަދި މީގެ ކުރިން އެފަދަ އެއްވެސް ޝަކުވާ އެ ޓީޗަރާ ބެހޭ ގޮތުން އުފުލާފައެއް ވެސް ނުވެއެވެ.