Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޔާމިންގެ މަރަށް 1 އަހަރު: ހިނގާލުމެއް

ޔާމިން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން- ފޮޓޯ: ވީނިއުސް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މަޝްހޫރު ބްލޮގަރު ޔާމިން ރަޝީދުގެ މަރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

"އިންސާފެއްނެތި ޔާމިން ރަޝީދުގެ މަރަށް އެއް އަހަރު" މި ނަމުގައި ބާއްވާ މި ހިނގާލުން މިއަދު ހަވީރު 16:30ގައި ފެށުމަށް ހަމަޖައްސާފައިވަނީ ރަސްފަންނު ކުރިމަތިންނެވެ.

އަނިޔާވެރި ގޮތަކަށް ޔާމިން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާ ގޭގެ ސިޑި ކައިރިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ޔާމިންގެ މަރަށް އިންސާފެއް ނުލިބި އެއް އަހަރު ފާއިތުވުމާއި ގުޅިގެން ޔާމިންގެ އާއިލާގެ ފަރާތުން ސޯލްޓް ކެފޭގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޔާމިންގެ ބައްޕަ ހުސައިން ރަޝީދު ބުނީ ޔާމީންގެ މަރުގެ މައްސަލަ ތަހުޤީޤުކުރުމަށްފަހު އޭނާ މަރާލީ ދީނަށް ފުރައްސާރަ ކުރާތީ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށެވެ.

އަދި ފުލުހުން އެގޮތަށް ވާހަކަ ދެއްކުމާއެކު ޔާމީނަށް އިންސާފު ނުލިބޭނެކަން އެނގިގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޔާމީންގެ މަރާ ގުޅިގެން އާއިލާ އިން ސާފުކުރަން ބޭނުންވާ ކަންކަމަށް ފުލުހުން ޖަވާބުވެސް ނުދޭ ކަމަށާއި ފުލުހުން ޒިންމާދާރުކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުންވެސް އިންސާފު ލިބޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށްވެސް ހުސައިން ބުންޏެވެ.

ޔާމީންގެ މަރުގެ މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކާ ދެކޮޅަށް ދައުވާކުރެވި ޝަރީއަތް ދަނީ ހިނގަމުންނެވެ.

މިމައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ ޔާމީންގެ އާއިލާ އިން ވަނީ މިޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްދިނުމަށް ދައުލަތުގެ މުއައްސަސާތަކުގައި ތަކުރާރުކޮށް އެދިފައެވެ. އެހެންނަމަވެސް މިކަމަށް މުއައްސަސާތަކުން އަދި އިޖާބައެއް ދީފައެއް ނުވެ އެވެ.

ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވެ އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.