Last Updated: April 20, 10:49
Saturday, April 20, 2024
މުނިފޫހިފިލުވުން

ނިއުމާގެ އަމާޒަކީ މަޖިލީހަށް ކުރިމަތިލުން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޤްބޫލް އެއް ބަތަލާ ކަމުގައިވާ ނިއުމާ މުހައްމަދު ފާޅުކޮށްފިއެވެ.

"ރާއްޖެ ޓީވީ" އިން ގެނެސްދޭ "ފަސް ސުވާލު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނިއުމާ ބުނީ އޭނާ ބޭނުންވަނީ ރައްޔިތުންނާއި ޤައުމަށް ހެޔޮ ހިތުން ޚިދުމަތް ކޮށްދިނުމަށް ކަމަށާއި، އެހެންކަމުން އޭނާގެ އަމާޒަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

އަދި މަޖިލީހުން ފުރުސަތެއް ލިބިއްޖެނަމަ ރިޝްވަތަށް ގުޑުވާ ނުލެވޭނެ ކަމަށާއި ސާބިތު ކަމާއެކު ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށްވެސް ނިއުމާ ބުންޏެވެ.

އެހެންނަމަވެސް އިންތިޚާބުގައި ވާދަކުރާނެ ޕާޓީއާއި ވާދަކުރާނެ ދާއިރާ ނިއުމާ ބުނެފައެއް ނުވެ އެވެ.

ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާއި ގުޅިގެން ނިއުމާވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

ދާދިފަހުން ނިއުމާ ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ސަރުކާރުން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތަކީ ޣައިރު ޤާނޫނީ ގޮތަކަށް އިއުލާންކުރި ޙާލަތެއް ކަމަށް ބުނެ އެކަމަށް ފާޑު ކިޔާފަ އެވެ.

ސޯޝަލް މީޑިއާގައި ގުޅިފައިވާ ފަޓީތަކުގެ އިސް ބޭފުޅުން ފާޅުކުރައްވާ ހިޔާލުތައް ނިއުމާ ގެންދަނީ ރީޓްވީޓްވެސް ކުރަމުންނެވެ. ދާދި ފަހުން ރައީސް މައުމޫން މިނިވަން ކުރުމަށް ގޮވާލާ ކޮށްފައިވާ ޓްވީޓެއްވެސް އޭނާ ވަނީ ރީޓްވީޓް ކޮށްފަ އެވެ.

ފިލުމީ ދާއިރާގައި ކުރިން ޙަރަކާތްތެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން މިހާރު ވެސް މަޖިލީހުގައި އެބަ ތިއްބެވިއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.