Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ހިތަދު އާއި ނިލަންދޫ މެޗް އެއްވަރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހިތަދޫ ފުޓްބޯޅަ ކްލަބާއި ފ. ނިލަންދޫ ބައްދަލުކުރި މެޗް 1-1 އިން އެއްވަރުވެއްޖެއެވެ.

ފ.ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގެ އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ ނިލަންދޫ ޓީމުންނެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ، މެޗްގެ 37 ވަނަ މިނިޓްގައި އެޓީމުގެ ޖާޒީ ނަންބަރު 20 އިބްރާހިމް ފުރުގާނެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 އިން ނިލަންދޫ ޓީމް ކުރީގައި އޮވެގެންނެވެ.

ރަށުން ބޭރުން ކުޅެމުން ދިޔަ ހިތަދޫ ޓީމުން ދެވަނަ ހާފަށް އިތުރު ހިތްވަރާއި އެކު ނިކުމެ ނިލަންދޫ ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން 7 މިނިޓްގެ ތެރޭގައި ހިތަދޫ ޓީމަށް ކުޅެމުން އަންނަ މ.މޮލަކަށް ނިސްބަތްވާ އާދަމް ޝަހީމް(އާނާ) ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އާނާގެ މި ލަނޑު ޖެހުމުގައި ހިތަދޫ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑްގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ.

މި ލަނޑަށް ފަހު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބުނު ނަމަވެސް އިތުރު ގޯލެއް އެޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ގިނަ ފައުލްތަކެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދި މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެފްރީގެ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ހިތަދޫ ޓީމްގެ އޮފިޝަލެއް ކަމުގައިވާ މުހައްމަދު ޝުއާއު(ބްރޯ) ވަނީ ބެންޗުން ފޮނުވާލާފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 20 އިބްރާހިމް ފުރުގާނެވެ.

މިއީ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހިތަދޫ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ދެން އެޓީމުން ކުޅޭ މެޗްގައި މި މަހުގެ 25 ވަނަ ދުވަހު ބައްދަލުކުރާނީ ހޯޑައްދޫ އާއެވެ.

މިއަދުގެ މެޗްގައި ހިތަދޫ ޓީމަށް ސަޕޯޓް ކުރުމަށް ނިލަންދޫ އާއި ކައިރި ރިސޯޓުތަކުގައި މަސައްކަތް ކުރާ އައްޑޫ މީހުން ނިލަންދޫ އަށް ދިޔަކަން ފާހަގަކުރެވެއެވެ.