Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެންޓި ޑިފެކްޝަން ޤާނޫނުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ފޮޓޯ: ގޫގުލް

ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ޤާނޫނު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 13:30 އަށެވެ.

މިއީ ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް މަޖިލީހަށް ހުށަހަޅުއްވާ، ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ވޯޓާއި އެކު ފާސްކުރެވިގެން ދިޔަ ބިލެކެވެ.

މި ބިލް ފާސްކޮށްފައިވަނީ ގޮނޑިއާމެދު ބޮޑު ބަހުސެއް ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ. އެ 12 މެމްބަރުންނަކީ މަޖިލިސް ޕީޕީއެމްއިން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންދާ 12 މެމްބަރުންނެވެ.

ޤާނޫނު އަސާސީއާއި ޚިލާފުކަމަށް މަޖިލީހުން ފާސްކޮށްފައިވާކަމަށް ބުނެ މި ޤާނޫނު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.

މީގެ އިތުރުން މިބޭފުޅުން ވަނީ ފަނޑިޔާރުންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމަށްވެސް ސްޕްރީމް ކޯޓަށް ހުށައަޅުއްވާފައެވެ.