Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޑްރަގްގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތިތަކެއް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މަސްތުވާތަކެތީގެ ނެޓްވޯކެއް އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ނެޓްވޯކް އަތުލައިގެންފައި ވަނީ މި ހިނގާ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު މާލެ އާއި ރ.އިނގުރައިދޫގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންތަކެއްގައި ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް ވިދާޅުވީ އެ އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ރ.އިނގުރައިދޫގެ ދެ ގެއެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހ. ހެޕީ ވިލާ ފާސް ކުރުމުން އެ ގެއިން ރަބަރު ޕެކެޓަކާއި ފިލުމު ހުސްކުރި ދަޅެއް ފެނިފައިވާ އިރު އެތަކެތިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 578 ގްރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ. އެތަކެތީގެ މަގުމަތީ އަގު 500000 ރުފިޔާއަށް އަރާނެއެވެ.

ފުލުހުން ވަނީ އެގެއިން މި ޑްރަގް ނެޓްވޯކް ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އަހުމަދު އާލިމް އާއި މުހައްމަދު އިރުފާން ނަމަކަށް ކިޔާ އިނގުރައިދޫ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ އާލިމް އަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރުމާއި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި އަދި އާއްމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި، އޭނާ މަސްތުވާކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މާލެއިން ދެން ބަލާ ފާސްކުރި ގ. ޑްރީމް އޮފް ގާޑެން އިން ވަނީ މަސްތުވާތަކެތި ހުރި ފިލްމް ހުސްކުރި ދަޅަކާއި، ސެލޯފިން ކޮޅެއްގެ ތެރެއިން، ބުލެޓް ސައިޒުގެ އަށް ރަބަރު ޕެކެޓް ފެނިފައިވައެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 18 ގްރާމް ހުރިކަމަށާއި، އެ މައްސަލައާ ގުޅިގެން އެގެއިން އިބްރާހިމް ޝަފީގް (26އ) އަދި އަލީ ފާތިހު (22އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ޝަފީގް އަކީ އިބްރާހިމް އާލިމް އާ ގުޅިގެން ޑްރަގް ނެޓްވޯކްގައި އިސްކޮށް އުޅޭ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގެ ދަށުން ފުލުހުން ބަލައިފާސްކުރި ތިންވަނަ ގެ ކަމުގައިވާ މއ. ފިޔަޖަހާގެއިން ވަނީ މަސްތުވާތަކެތި ހުރި 40 ސެލޯފިން ކޮޅާއި، ހަ ރަބަރު ޕެކެޓް ފެނިފައިވައެވެ. އަދި އެގެއިން މުހައްމަދު މިސްބާހް (20އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މިއީ މާލެ އާއި އިނގުރައިދޫއަށް މަސްތުވާތަކެތި އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ޓާގެޓް ކުރެވިފައިވާ ޑްރަގް ނެޓްވޯކްގައި ހިމެނޭ މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ އެކި ބާވަތުގެ ތަކެތި ހ. އޮއިސްޓާ ގެއިން ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އުނގުރައިދޫއިން ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އާއިޝާތު އިލްހާމާ (26އ) އާއި މުހައްމަދު ޖަޒްލާން (24އ)އެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު ޖަހާދީފައިވާ ކަމަށެވެ.