Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ރިޔާޒްގެ އިސްތިއުނާފްގެ އަޑުއެހުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ އޭނާއާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.

އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:15 އަށެވެ. މި މައްސަލައިގައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ މާދަމާ އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުމެވެ.

ރިޔާޒްއާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ މިދިޔަ އަހަރު ކޯޓު އަމުރެއްގެ ދަށުން އޭނާ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އޭނާ އިންކާރު ކުރި މައްސަލަ އެވެ.

އެ މައްސަލާގައި ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ނިންމީ ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެއާއި ގުޅިގެން ދައުލަތުން ވަނީ އެ މައްސަލަހައި ކޯޓްގައި އިސްތިއުނާފް ކޮށްފައެވެ.

މި މައްސަލަ ރިޔާޒުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގައިވެސް ހުންނެވި އަބްދުﷲ ރިޔާޒުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއެއްވެސް ކުރިމިނަލް ކޯޓްގައި މިހާރު ކުރިއަށް ދެއެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ރިޔާޒުގެ މައްޗަށްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާވެސް ކްރިމިނަލް ކޯޓްގައި އުފުލާފައެވެ.

ރިޔާޒު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރެއްގެ ދަށުން މާފުށީ ޖަލުގައެވެ.