Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ގެއްލުނު ކުދިން ހޯދަން ޑައިވިން ރޮބޮޓް ބޭނުން ކުރަނީ

ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ސޯޓް

އައްޑޫ ސިޓީ ހިދަތޫގައި ފާއިތުވި ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބޮޓް ބޭނުން ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

މީގެ ކުރިން ވެސް މިފަދަ އޮޕަރޭޝަންތަކުގައި މިރޮބޮޓް ބޭނުން ކޮށްފައިވެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ދެކުދިން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވުމަށް ސިފައިންގެ އިތުރު ޑައިވަރުންގެ ޓީމެއް މިރޭ އައްޑުއަށް ދާނެ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ހުރި ހުރިހާ ވަސީލަތެއް ކުދިން ހޯދުމުގެ އޮޕަރޭޝަންގައި ބޭނުން ކުރާނެ ކަމަށާއި މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ދެކުދިން ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން ކުރަމުންގެންދާއިރު، އެމްއެންޑީއެފްގެ ޑައިވަރުންނާއި، އާންމު ރައްޔިތުން ވެސް ދަނީ ޑައިވް ކޮށްގެން ކަނޑު އަޑި ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ހިތަދޫ ޗަނބޭލީގެ، އަލީ ފަހުމީ، 17، އަދި ހިތަދޫ، ޓޮޕާޒް، މަޔާމިން އަލީ، 14، ގެއްލިފައިވަނީ އިތުރު ކުއްޖަކާއި އެކު މޫދަށް އެރި އުޅެނިކޮށެވެ. އެކުދިންނާއެކު މޫދަށް އެރުނު ހިތަދޫ، ބްލޫގެ، ރާއިފް ވަނީ އާންމު ރައްޔިތެއްގެ އެހީގައި ސަލާމަތް ކުރެވިފައެވެ.

ގެއްލުނު ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ސޯޓް ވަނީ މިއަދު ފެނިފައެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސޯޓު ފެނިފައިވަނީ، ހިތަދޫގައި ފްލެޓް ތަކާއި ދިމާލަށް ފުއްޓަރު ފަރާތު ފަރުމަތިންނެވެ. އެ ސޯޓު ފެނުނީ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފުލުހުންގެ ޓީމަކަށެވެ.

އަލީ ފަހުމީގެ އާއިލާގެ މެމްބަރަކު ވަނީ ފެނުނީ އަލީ ފަހުމީގެ ސޯޓުކަން ކަށަވަރުކޮށްދީފައެވެ.