Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ގެއްލުނު ކުދިން ހޯދުން ހުއްޓާ ނުލާނަން: މިނިސްޓަރު

މިދިޔަ ހޮނިހިރު ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ ހިތަދޫ ދެކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިއަދު ވިދާޅުވީ އައްޑޫ ސިޓީން ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާ އިރު މިރޭ ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުން ކުރުމަށް ސިފައިންގެ ޓީމެއް މިރޭ އައްޑޫއަށް އަންނަން ހަމަޖެހިފައިވާ ކަމަށެވެ.

ގެއްލުނު ދެ ކުދީންގެ ތެރެއިން އެެއް ކުއްޖަކު ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓެއް މިއަދު ވަނީ ހިތަދޫގައި އަޅާ ޗައިނާ ފްލެޓާއި ދިމާލުން ގޮނޑުދޮށުން ފެނިފައެވެ. އަދި އެއީ ގެއްލިގެން ހޯދާ ހިތަދޫ، ޗަނބޭލީގެ އަލީ ފަހުމީ އެދުވަހު ލައިގެން ހުރި ސޯޓުކަމަށް އާއިލާގެ ފަރާތުން ޔަގީންކޮށްދެއެވެ

ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ހިތަދޫ ޒުވާނުންގެ ޓީމަކުން ދަނީ ކުރަމުންނެވެ. އެގޮތުން އިއްޔެ އާއި މިއަދު އެކުދިން އެދުވަހު މޫދަށް އެރި އުޅުނު ހިސާބުގެ ބޭރަށް ޑައިވްކޮށް، އަދި މަތިން ސްނޯކްލިން ކޮށް ވަނީ ބަލާފައެވެ. އަދި ކަނޑުގެ އޮއިވަރަށް ބަލައި އެކުދިން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.