މާލޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލް، މަޖީދިއްޔާ ސްކޫލުގެ ޓީޗަރުން މިއަދު ހެނދުނު ކިޔަވައިދިނުމުގެ ބަދަލުގައި ސްކޫލް ތެރޭ ހަޅުތާލު ކުރަން ފަށައިފިއެވެ.
ޓީޗަރުން ހަޅުތާލު ކުރަމުން ގެންދަނީ ސްކޫލް ތެރޭ ޓީޗަރުންނަށް ކިޔަވައިދޭނެ ރައްކާތެރި މާހައުލެއް ނެތުމުގެ ސަބަބުން ކަމަށް ބުނެއެވެ. ޓީޗަރުންތައް ކިޔަވައި ނުދީ އިހުތިޖާޖު ކުރަނީ އިއްޔެ ސްކޫލްގެ ދަރިވަރަކާ ޓީޗަރަކާ ދެމެދު ހިނގި މާރާމާރީއެއްގައި ޓީޗަރު ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
އިއްޔެ ހިނގި މިހާދިސާގައި ދަރިވަރަކާ ޓީޗަރަކާ ކުރިމަތިލާން ޖެހިފައިވަނީ އެ ދަރިވަރު ޓީޗަރުގެ ހުއްދައަކާ ނުލާ ކުލާސް ތެރެއަށް ވަންނަން އުޅުމުގެ ސަބަބުންނެވެ. ޓީޗަރު އޭނާ ނުވެއްދުމުން ގަދަ ބާރުން ވަންނަން އުޅެ، ޓީޗަރާ މާރާމާރީ ހިންގަން ދަރިވަރު މަސައްކަތް ކުރުމުން ޓީޗަރު އޭނާގެ ގައިގައި އަތް އަޅައި ކޮއްޕާލީއެވެ.
މަޖީދިއްޔާގެ ޓީޗަރުން ބުނަނީ ޓީޗަރު އަމަލު ކުރީ އޭނާގެ އަމިއްލަ ނަފްސް ދިފާއު ކުރުމަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.