Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އޭސީސީގެ މަސައްކަތަށް ގާނޫނީ ހުރަސްތަކެއް އެބަހުރި: ލުުޠުފީ

ކަރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ގާނޫނީ ގިނަ ގޮން ޖެހުން ތަކެއްް ހުރިކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުޠުފީ ވިދާޅުވެއްޖެއެވެ.

ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލުޠުފީ ވިދާޅުވީ ކަމިޝަނަށް ހުށަހެޅޭ މައްސަލަތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ހުށަހެޅޭ މައްސަލަތައް ނިންމުމަށް ކަމިޝަންގެ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެންވާނީ އޭސީސީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް އޭގެ އިތުރުން އޭސީސީގެ ޤާނޫނަށާ އަދިވެސް އެހެން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފަ. އަޅުގަނޑުމެން އުންމީދު މިކުރަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިމުމުގެކުރިންވެސް އަޅުގަނޑުމެންނަށް އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސް މަސައްކަތުގައި ކުރިމަތިވާ ޤާނޫނީ ގޮންޖެހުންތައް ހައްލުވެގެން ދާނެކަމަށް."

ހަސަން ވިދާޅުވީ އެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު ހުއްޓުމެއް ނެތި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ހަސަން މިހެން ވިދާޅުވި އިރު ރާއްޖޭގައި މިހާތަނަށް ހިންގިކަމަށް ބުނާ އެންމެ ބޮޑު ކަރަޕްޝަން މައްސަލަ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ފުރިހަމަ ތަހްގީގީ ރިޕޯޓް އަދިވެސް ނެރެފައި ނުވެއެވެ.

ޤައުމީ ގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.