Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޙަސަންގެ މަސައްކަތުގެ އަގު ކައުންސިލުން ވަޒަންކޮށްފި

އައްޑޫ ސިޓީ، ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކު ސަލާމަތް ކުރުމަށް، ހިތަދޫ/ބްލޫރޫމް، ހަސަން ޙުސައިން ކުރި މަސައްކަތުގެ އަގު އައްޑޫ ސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާއިގައި ބޭއްވި ބައްދަލުވުމެއްގައި ކައުންސިލުގެ ފަރާތުން ވަނީ ޙަސަން އަށް ހަނދާނީ ލިޔުމެއް އަރުވާފައެވެ. މި ލިޔުން ޙަސަން އާއި ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މާޔަރު އަބްދުﷲ ސޯދިޤް ސޯބެއެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ކައުންސިލުގެ މެންބަރުންގެ އިތުރުން ޙަސަންގެ އާއިލާގެ ބައެއް މެންބަރުން ވެސް ބައިވެރިވިއެވެ.

ޙަސަން އެނގޭ މީހުން ބުނާ ގޮތުގައި، އޭނާ އަކީ މީހުންނާއި ގުޅޭ ވަރަށް އެކުވެރި މިޒާޖެއްގެ މީހެކެވެ. ޙަސަން އާއި އެކު މަސްވެރިކަމުގެ ހަރަކާތްތެރިވާ މަސްވެރިން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް ކުޅަދާނަ މަސްވެރިއެކެވެ.

ޙަސަންއަކީ ޙާއްސަ އެހީއަށް ބޭނުންވާ މީހެއް ނަމަވެސް، އެ ނާޒުކު ދަނޑިވަޅުގައި ދެއްކި އާދަޔާ ޚިލާފު ހިތްވަރަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ސިފަކުރާ ގޮތުގައި، ޙަސަން އަކީ ދުވަހުގެ "ހީރޯ"އެވެ.

އެހެން ނަމަވެސް ޙަސަން އާއި ހަވާލާދީ އޭނާގެ އާއިލާގެ މީހުން ބުނާގޮތުގައި ޙަސަން އަދާކުރީ އޭނާގެ ފަރުދީ ޒިންމާއެކެވެ.