މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ހިތަދޫ އެފްސީ އާއި ފ. ނިލަންދޫ ބައްދަލު ކުރި މެޗަށް ޓީމް ނިކުތީ ތިން ޕޮއިންޓަށް ކަމަށާއި، ނަމަވެސް ދަނޑު ވަރަށް އުދަނގޫ ކަމަށް ހިތަދޫ ޓީމުން ބުނެފިއެވެ.
މުބާރާތް ކުރިއަށްގެންދާ ފ. ނިލަންދޫ އާއި ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެ، ޕޮއިންޓަކާއި އެކު ނިންމާލި ހިތަދޫ ޓީމުގެ މެނޭޖަރ މުހައްމަދު އަލްތާފު (އަލްޓީ) ބުނީ މެޗުގެ ތިން ދުވަސް ކުރިން ނިލަންދޫއަށް ދިޔައީވެސް ދަނޑަށް ކުޅުންތެރިން ހޭނުމަށް، ދަނޑަށް އަރައި ޕްރެކްޓިސް ކޮށްލުމަށް ކަަމަށެވެ.
"މެޗުގެ ތިން ދުވަސް ކުރިން ނިލަންދޫއަށް އައުމުގެ ބޭނުމަކީވެސް ދަނޑު ބަލާލައި، ޕްރެކްޓިސް ކޮށްލަން، އަޅުގަނޑުމެންގެ ޓީމަކީ ވެލި ދަނޑުގައި ޕްރެކްޓިސް ކުރި ޓީމެއް ނޫން، ޕްރެކްޓިސް ކުރީ ޓާފްގައި، އަދި މިގޮތަށް ވެލި ދަނދުގައި ކުޅުމަކީ ގިނަ ކުޅުންތެރިންނަށް ވަރަށް އުނދަގޫކަމެއް، އެހެންވެ މެޗު ފަށައިގެން ޖެހުނީ ޓެކްޓިސް ބަދަލުކޮށް، ބޯޅަ މަތިން ކުޅެން، އެކަން ފެންނަނާނެ، ފުރަތަމަ ހާފް ކުރީ ކޮޅު"
އަލްޓީ ބުނީ ދަނޑު އުނދަގޫވުމަކީ ބަހަނާއެއް ނޫން ކަމަށާއި، ނަމަވެސް އެކަމުގެ އަސަރު މެޗްގެ ޕްލޭނަށް ކުރިކަމަށެވެ. އަދި ކޮންމެ މެޗަކަށްވެސް ޓީމު ނިކުންނަނީ ތިން ޕޮއިންޓަށް އަމާޒުކޮށްކަމަށެވެ.
ނިލަންދޫގެ ސަޕޯޓަރުންގެ ކުރިމަތީގައި ހިތަދޫ ޓީމު ކުޅެމުން ދިޔަ އިރު މެޗްގެ ލީޑުނެގީވެސް ނިލަންދޫއިންނެވެ. ނިލަންދޫގެ އިބްރާހިމް ފުރުގާނު ވަނީ މެޗްގެ 37 ވަނަ މިނިޓްގައި އެޓީމަށް ލީޑް ނަގާ ދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިންމާލީ ނިލަންދޫ 1-0 ގެ ލީޑެއްގައި އޮވެގެންނެވެ.
މެޗްގައި ހިތަދޫ ޓީމަށް ހަމަހަމަކޮށްދިނީ ފައިނަލް ބުރަށް ޓީމާއި ގުޅުނު މ. މުލަކު އާދަމް ޝަހީމް (އާނާ)ގެ ހިތްގައިމު ލަނޑާއި އެކުއެވެ.

މުޅި ނިލަންދޫ ރައްޔިތުން ނިކުމެ އެރަށު ޓީމަށް ސަޕޯޓް ކުރަމުންދިޔަ އިރު ފ. ނިލަންދޫ ކައިރީ އޮންނަ ދި ސޭންޓްރިޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގައި މަސައްކަތް ކުރާ އައްޑޫ އަދި ފުވައްމުލަކުގެ ސަޕޯޓަރުން ވަނީ ބޮޑު ބެރާއި އެކު ގޮސް ހިތަދޫ ޓީމަށް ސަޕޯޓުކޮށްފައެވެ. ސަޕޯޓަރުން ބުނީ މާދަމާ ހިތަދޫ އަދި ހޯޑެއްދޫ ބައްދަލު ކުރާ މެޗުގައިވެސް ފިސާރި ސަޕޯޓެއް ހިތަދޫ ޓީމަށް ކޮށްދޭނެކަމަށެވެ.