Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފޯން ހުޅުވައި ނުދިނުމުން ރިޔާޒް ކުށްވެރިވެއްޖެ

އަބްދުﷲ ރިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު، ފުލުހުންގެ ތަހުޤީޤަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ޙުކުމްކޮށްފި އެވެ.

ރިޔާޒްއާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ މިދިޔަ އަހަރު ކޯޓު އަމުރެއްގެ ދަށުން އޭނާ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އޭނާ އިންކާރު ކުރި މައްސަލަ އެވެ.

އެ މައްސަލާގައި ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ނިންމީ ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެއާއި ގުޅިގެން ދައުލަތުން ވަނީ އެ މައްސަލަހައި ކޯޓްގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލާގައި ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެ މައްސަލާގައި ރިޔާޒު ކުށްވެރިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ އޭނާގެ މައްޗަށް ޙުކުމް ކުރުމަށް މިއަދު އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

މި މައްސަލަ ރިޔާޒުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިފަަދަ ހުކުމަކުން ރިޔާޒުގެ މެންބަރުކަން ނުގެއްލުނު ނަމަވެސް ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ.

ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅުމުން އޭނާގެ ވަކީލު ވަނީ ރިޔާޒަށް ވީހާވެސް ކުޑަ އަދަބެއް ދިނުމަށާއި އަދި އޭނާ ގޭބަންދަށް ބަދަލުކޮށް ދިނުމަށް ވެސް ހައިކޯޓުގައި އެދިފަ އެވެ.

ރިޔާޒުގެ މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފްގެ އަޑުއެހުންތައް ފެށިއިރު ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެވެ. ނަމަވެސް މިމައްސަލާގައި މިއަދު ހުކުމްކުރި އިރު ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގައިވެސް ހުންނެވި އަބްދުﷲ ރިޔާޒުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއެއްވެސް ކުރިމިނަލް ކޯޓްގައި މިހާރު ކުރިއަށް ދެއެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ރިޔާޒުގެ މައްޗަށްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާވެސް ކްރިމިނަލް ކޯޓްގައި އުފުލާފައެވެ.

ރިޔާޒު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރެއްގެ ދަށުން މާފުށީ ޖަލުގައެވެ.