Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ މައްސަލަ ޕޮލިހަށް

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް - ފޮޓޯ: ވަގުތު

ރާއްޖޭގެ އަގު ވައްޓާލައި، ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާ މީހުންގެ މައްސަލަތައް ބަލައި، އެ މީހުންނާ މެދު ހަރުކަށި ފިޔަަވަޅު އެޅުމަށް އެދި ވިޔަފާރިވެރިން ޖަމިއްޔާ އިން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

މިއަދު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ މައްސަލަ ޕޮލިހަށް ހުށައަޅާފައިވާ ކަމަށާއި އަދި ފުލުހުން އެ މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ. އަދި މިއީ އެ ޖަމިއްޔާގެ ތާރީހުގައި ފުލުހުންނަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

ސިޔާސީ އެކިއެކި ފަރާތްތަކުން ވެރިކަން ހޯދަން މަސައްކަތް ކުރުމުގައި ވިޔަފާރިވެރިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް ގެއްލުން ވާގޮތަށް ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލައި، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބޭނުންވާ ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ޕޮލިހަށް މައްސަލަ ހުށަހަޅާފަ ތިބޭނީކީ ނޫން ކަމަށާއި، މައްސަލަ ދާ ގޮތް ވެސް ބަލާނެ ކަމަށެވެ.

މީގެ އިތުރުން ޓްވިޓާ ފަދަ ނެޓްވޯކްތަކުގައި އެފަދަ މައުލޫމާތު ފަތުރާ މީހުންގެ މައުލޫމާތު އާންމުން އެ ޖަމިއްޔާ އަށް ހުށަަހެޅުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.

އާސިފް ވިދާޅުވީ މިއަދު ފުލުހަށް ހުށަހެޅި މަައްސަލައިގައި ވަކި މީހެއްގެ ނަމެއް ހުށަހަޅާފައި ނޯންނާނެ ކަމަށާއި މިއަދު ހުށަހަޅާފައިވަނީ ރާއްޖޭގެ އަގު ވައްޓާލައި ބޮއިކޮޓް ކުރަން ގޮވާ މައްސަލަތައް ޖުމްލަކޮށް ކަމަށެވެ.

ނަމަވެސް މިއަދުން ފެށިގެން ސޯޝަލް މީޑިއާގައި އެފަދަ ކެމްޕޭނުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ވަކިވަކިން ޕޮލިހަށް ހުށަހަޅަމުން ގެންދާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު، މީސް މީޑިއާގައި މިފަދަ ކެމްޕޭންތައް އިތުރުވާނެ ކަމަށް ބެލެވޭ. އަދި ޕޮލިހަށް މި މައްސަލަ ހުށަހެޅީ އެކަމަށް ހައްލެއް ހޯދުމަށް " އާސިފް ވިދާޅުވި އެވެ.