Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ތިލަފުށި ބިން ހިއްކަން ފަށަނީ

އެމްޓީސީސީގެ މަހާޖައްރާފު - ފޮޓޯ: އެމްޓީސީސީ

ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެގޮތުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ތިލަފުށީގެ 15 ހެކްޓަރުގެ ބިން ހިއްކަން ފެށުމުގެ ކުރިން ބައުންޑްރީ ވޯލް އެޅުމުގެ މަސައްކަތް އެމްޓީސީސީ މިހާރު ވަނީ ފަށާފަ އެވެ.

އަދި ތިލަފުށި ބިން ހިއްކުމަށް އެމްޓީސީސީގެ މަހާޖައްރާފް މިހާރު އޮތީ ތިލަފުށި ކައިރީގައި ބަނދަރުކޮށްފަ އެވެ.

މިމަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ތިލަފުށީގައި ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އިންތިޒާމު ހަމަޖެހުމުން ދުވާލަކު 500 ޓަނުގެ ކުނި ނައްތައިލެވޭނެ ކަމަށާއި އަދި ތިލަފުށީގައި ކުނި އެންދުން ނިމުމަކަށް ގެނެވޭނެ އެވެ.

ތިލަފުށީގައި ކުނީގެ މައްސަލަ ހައްލުކުރަން 126 މިލިއަން ޑޮލަރުގެ އެހީއެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ދީފައިވާތީ މިމަޝްރޫއުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.