ގއ. ދެއްވަދޫގައި ބައްޕައަކު އޭނާގެ އަންހެން ދަރިފުޅަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ބަލަން ފަށައިފި އެވެ.
މިފަދަ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އެމައްސަލަ ބަލަމުންދާކަން ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އެހެންނަމަވެސް އޮފިސަރު ވިދާޅުވީ އެއްވެސް މީހަކު މިމައްސަލާގައި އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ދެއްވަދޫ މީހާ އޭނާގެ އަންހެން ދަރިފުޅާ ދިމާލަށް ހުތުރު ބަހުން މުއާމަލާތުކޮށް ދަރިފުޅަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެ ވީޑިއޯއިން އިވޭ އަޑުތަކުން އެނގިގެންދާ ގޮތުގައި ބައްޕަ އޭނާގެ އަންހެން ދަރިފުޅަށް ހަމަލާ ދެނީ އޭނާގެ ނުރުހުމުގައި އޭނާގެ ފޯން ނަންބަރު ދަރިފުޅު ކޮންމެވެސް މީހަކަށް ދިނުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
ވީޑިއޯ ފެށޭތަނުން ފެންނަ ގޮތުގައި ބައްޕަ ދަރިފުޅަށް ހަމަލާ ދީފައިވަނީ ލަޓިބުރިއަކުންނެވެ. އަދި ބައްޕަ ވަނީ ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
މީވީޑިއޯގައި ދެއްވަދޫ މީހާ އޭނާގެ ދަރިފުޅުގެ ގައިގައި ތަކުރާރުކޮށް ޖަހަން މަސައްކަތް ކުރަން ފެށުމުން އެތަނަށް ފިރިހެނަކު ގޮސް އެކަން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ.