Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވެމްކޯގެ "ކެޕްސް" ޚިދުމަތް އެންމެ ދެކުނަށް

ވޭސްޓް މެނޭޖްމެންޓް ކޯޕޮރޭޝަން (ވެމްކޯ)ގެ ކޯލް އެންޑް ޕިކް އަޕް ސަރވިސް (ކެޕްސް) ޚިދުމަތް އައްޑޫ އާއި ފުވައްމުލައް ސިޓީގައި ތަޢާރްފަކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ ގޭގެއިންނާއި، ވިޔަފާރިކުރާ ތަންތަނުން އުކާލަންޖެހޭ ގިނަ އަދަދެއްގެ ކުނި އުކާލުމަށް އެ ކުންފުނިން ދެމުން އަންނަ ޚިދުމަތެކެވެ.

ވެމްކޯ އިން ބުނާ ގޮތުގައި އަތޮޅުތަކަށް މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ މާލެގައި މިޚިދުމަތްތައް ދޭ އަގަށްވުރެ 50% ކުޑަކޮށެވެ.

އެގޮތުން އަތޮޅުތެރޭ ރަށްތަކުން 350 ކިލޯގެ ކުނި އުކާލަދިނުމަށް ވެމްކޯއިން ޗާޖު ކުރަނީ 125 ރުފިޔާއަށެވެ. އަދި 1.5 ޓަނުގެ ކުނި އުކާލާދެނީ 275 ރުފިޔާއެވެ.

މީގެ އިތުރުން އައްޑޫ އާއި ފުވައްމުލައް ސިޓީގެ ޓްރާންސްފަރ ސްޓޭޝަންތަކުން ގޭޓްފީ ނެގުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް ވެމްކޯއިން ބުނެއެވެ.

މި ހިނގާ އޭޕްރީލް މަހުގެ 22ވަނަ ދުވަހު ގޭޓްފީ ނަގަން ފަށަން ނިންމި ނަމަވެސް ވެމްކޯއިން ވަނީ އެކަން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައެވެ. ގޭޓްފީ ނަގަން ފެށުމާއި އެކު ކެޕްސްގެ ޚިދުމަތްވެސް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފަށާނެ ކަމަށާއި، އަދި ގޭޓްފީ ނެގުމަށް ހަމަޖެހިފައިވަނީ ހަތަރު ފުރޮޅޯލީ ކޮންމެ އުނޅަނދަކުން ޓަނަކުން ސަތޭކަ ރުފިޔާގެ ރޭޓުން ކަމަށް ވެމްކޯ އިން މަޢުލޫމާތު ދެއެވެ.

ވެމްކޯއިން މިހާރުވެސް ގެންދަނީ މާލޭގައި ކެޕްސްގެ ޚިދުމަތްދިނުމާއި، ގޭޓްފީ ނަގަމުންނެވެ. ގޭޓްފީގެ ގޮތުގައި 200 ރުފިޔާ ނަގަމުންގެންދާއިރު، ކެޕްސްގެ ޚިދުމަތުގެ ދަށުން މާލޭގައި 350 ކިލޯ ކުނި އުކާލަދެނީ 250 ރުފިޔާ އަށެވެ. އަދި 1.5 ޓަނުގެ ކުނި އުކާލަދެނީ 550 ރުފިޔާއަށެއެވެ.