Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

ހައްޔަރުގައި ތިބި ކުރީގެ ފުލުހުން ގޭބަންދަށް

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ހައްޔަރުކުރި ފުލުހުންތައް ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ފުލުހުންގެ ވަޒީފާއިން މިހާރު ވަކިކޮށްފައިވާ އެ ފުލުހުންގެ ބަންދާ ގުޅޭ ގޮތުން ބޭއްވި އަޑު އެހުމުގައި ގާޒީ ވަނީ ތިރީސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފައެވެ. އަދި އެ ތިރީސް ދުވަހަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭނަމަ ކޯޓަށް ހާޒިރުކުރެވޭނެ ކަމަށް ގާޒީ ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ އެސް އޯ ކުރީގެ ކޮމާންޑަރުވެސް ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނޭއިރު އެ ފުލުހުންތައް އޭރު ހައްޔަރުކުރީ ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ގާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާމެދު އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވަނީ އެމީހުންނާ ދެކޮޅަށް ކޮށްފައެވެ.