އަންނަ ރިޔާސީ އިންތިހާބާއި އެކީ މާލެއިން އިތުރު 25 ބުރީގެ އިމާރާތްތަކެއް ފެނިދާނެކަމަށް ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"ރަށްވެހި ތަރައްގީ"ގެ ނަމުގައި، ރައީސް ޔާމީނުގެ ޒައާމަތުގައި ރާއްޖޭގެ ރަށްރަށަށް އައިސްފައިވާ ތަރައްގީގެ ވާހަކަ ހިމެނޭ ފޮތެއް ނެރެދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން މާލެ އަކީ ތޮއްޖެހި ވައި ނުސާފުވެފައިވާ ޓްރެފިކް ބޮޑު ތަނެއް ކަމަށެވެ.
ނަމަވެސް މިއަދު ތަސައްވުރަކާއި އެކު އެކަން ބަދަލުވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މާލެއިން އިތުރު 25 ބުރީގެ އިމާރާތްތައް ފެންނާނެކަމަށާއި، އެއިމާރާތްތަކަށް މާލެއިން ޖާގަ ހޯދާނެކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް އަންނަން ޖެހޭނީ ތަސައްވަރަކާއި އެކު ކަމަށާއި، މާލެ ތޮއްޖެހުން ބަދަލު ކުރަނީވެސް އެފަދަ ތަސައްވުރެއްގެ ތެރެއިން ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވި އިރު މި ސަރުކާރުން ވަނީ އައިޖީއެމްއެޗްގެ އާ އިމާރާތް 25 ބުރިއަށް ނަގާފައެވެ، އަދި އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތެވެ.