ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫ ސިޓީގެ ރީޖަނަލް ކޮމާންޑަރުންނާ އިލެކްޝަންސް ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.
ހިތަދޫ ފުލުސް ސްޓޭޝަނުގައި ބޭއްވި މިބައްދަލުވުމުގައި އީސީގެ ފަރާތުން އެކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ބައިވެރިވެވަޑައިގެން މަޝްވަރާ ކުރައްވާފައިވެއެވެ.
އަކުރަމް ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކައުންސިލަރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު ކޮމިޝަނުން ވަނީ މިހާރު ރާއްޖޭގެ ހާލަތު ރިޔާސީ އިންތިޚާބު ބޭއްވުމަށް ތަންދޭ ކަމަށެވެ.
އެގޮތުން ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހު ވޯޓާސް ލިސްޓު އާންމުކުރުމަށެވެ. ވޯޓާސް ލިސްޓު އަންނަ މަހު އާންމު ކުރިޔަސް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖޫން ގައި ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.
އަދި އިންތިޚާބަށް އޮބްޒާވަރުންނާއި މޮނިޓަރުންވެސް އަންނަ މަހު އިއުލާން ކުރާނެ ކަމަށް އީސީއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އަދި އިއުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓު މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް އަދި އިއުލާން ކުރާނީ ފަހުން ކަމަށެވެ.