Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފަނޑިޔާރުންގެ ޤާނޫނުގެ އިސްލާހު ބާތިލެއް ނޫން

ސުޕްރީމް ކޯޓް - ފޮޓޯ: ރާއްޖެއެމްވީ (މުހައްމަދު ޝަރުހާން)

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ބާތިލު ނޫން ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

މިއަދު މައްސަލާގައި ހުކުމް އިއްވައި ދެއްވީ މިއަދު ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަހު ގެނައި އެ އިސްލާހު ބާތިލުކުރަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އަބްދުއްރަހީމް އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކުރުމަށެވެ. އެގޮތުން ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކޯޓުން ކުރާ ހުކުމަކުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެއްޖެނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ކޯޓުން މިފަދަ ހުކުމެއް އައިސްފިނަމަ އެއީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާނެ ކަމަށާއި އެހެންކަމުން ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ވަކިކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް މިހާލަތުގައި ނުހިނގާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ އެ އިސްލާހުތައް ތަސްދީގު ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ޙުކުމުގައި ބުނެފައި ވަނީ އެ ޤާނޫނު ފާސްކޮށްފައި ވަނީ ޟަރޫރީ ހާލަތެއްގައި ކަމަށް ފެންނާތީ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިބި ނަމަވެސް އެ އިސްލާހު ބާތިލުވާނެ އެއްވެސް ސަބަބެއް ފެންނާން ނެތް ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި ފަސް ވަނަ އިސްލާހު ފާސްކުރުމަށް ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދައިން 43 މެމްބަރުން މަޖިލީހުގައި ތިބުން ލާޒިމްވާ ކަމަށާއި، 43 މެމްބަރުން ހަމަނުކޮށް އެ ބިލް ފާސްކުރަން ޖެހުނީ ނަޒަރިއްޔާތުލް ޟަރޫރާއަށް ރިޔާއަތްކޮށް ކަމަށް އެ ޙުކުމްގައި ވެއެވެ.

ޖިނާއީ ކުށް ސާބިޮތުވުމުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް އިސްލާހު ގެނެސްފައިވަނީ ސީދާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފިޔަވަޅު ނޭޅިގެން ކަމަށް އެ އިސްލާހު ހުށަހެޅުއްވި ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.