ސުކޫލުތަކުގައި ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި، ތައުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންތަކެއް ކިޔަވައިދެއްވަން ކްލާސްތަކަށް ނުވަންނަވައި 24 އެޕްރިލް 2018 ވަނަ ދުވަހު ހެނދުނު އިހުތިޖާޖުގައި ތިއްބެވުމާއި ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކޫލް ކުދިންގެ މެދުގައި މި އަހަރު ހިނގާފައިވާ ތަފާތު މިފަދަ އަޚްލާޤީ މައްސަލަތަކަށް ބަލާއިރު ފާހަގަކުރޭ ކަމަކީ ސްކޫލްތަކާއި މުޖުތަމަޢުގައި ކުދިންގެ ޢަޚްލަޤީ މައްސަލަތައް އިތުރުވަމުންދާކަން ކަމަށެވެ. އަދި މި މައްސަލަތައް ގިނައިން ދިމާވަނީ، ސްކޫލް މަންހަޖުން ބާކީކޮށް ‘ދަސްވާރު’ ގެ ނަމުގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ކުދިންގެ މެދުގައިކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިބަޔާނުގައި ބުނެފައިވަނީ އެކަން ބޮޑު ކަމަކަށް ވަނީ ޓީޗަރުން އިހުތިޖާޖުކުރުމުން އެކަނި ނޫން ކަަމށާއި އެކަން ބޮޑުކަމަކަށްވާ އެންމެ މުހިއްމު ސަބަބަކީ ޓީޗަރަކު ކްލާހެއްގައި ކިޔަވައި ދެމުން ގެންދަނިކޮށް ބޭރުން އެ ކްލާހަށް އައިސް ވަން ދަރިވަރަކު ކްލާހުން ބޭރުކުރަން ޓީޗަރު އުޅުމުން ޓީޗަރު މާރާމާރީ ހިންގީ ކަމަށް ބުނެ ޓީޗަރަށް ހަމަލާ ދޭން ދަރިވަރު އުޅުމުން ކަމަށެވެ. ސްކޫލްތަކުގައި ހިނގައިފާނެ ކަމެއްގައި ޓީޗަރަށް އިންސާފު ލިބިދާނެ ކަމުގެ އިތުބާރު މިހާރު ނެތް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މި ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ވަކި ކުދިބަޔަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ލޭބަލްކޮށްގެން ގެންގުޅުމަކީ ގޯހެއްކަމަށެވެ. އެއީ ސްކޫލްތެރޭގައާޢި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނި ގޮތުންނާއި އަޚްލާޤީގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށެވެ. އަދި އެއީ އޭގެ ސަބަބުން ކުށްކުށަށް އަރައިގަންނަ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ."، އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ސްކޫލް ތެރޭގައާއި ސްކޫލުން ބޭރުގައި ވެސް ކުދިންގެ މިފަދަ މައްސަލަތައް ދިމާވުމުން އެ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތައް އެޅެމުން ނުދާ ކަމަށެވެ. ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް ވަދެ ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރު ސުކޫލުތަކަށް ނުދޭ ކަމަށްވެސް މިބަޔާނުގައިވަނީ ބުނެފަ އެވެ.
"އެހެންކަމުން، ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ސްކޫލް މެނޭޖްމެންޓަށް ދޫކުރެއްވުމަށާއި، ސްކޫލްތަކުގެ ތެރޭގައާއި މުޖުތަމަޢުގައި ސްކޫލް އުމުރުގެ ކުދިން ކުށްކުށަށް އަރައިގަންނަ މައްސަލައާމެދު ހަރުދާނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މަދަރުސީ މާހައުލުގެ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި، ތަޢުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް މި ޕާޓީން މިނިސްޓަރީ އޮފް އެޑިޔުކޭޝަނަށް ގޮވައިލަމެވެ."، އެ ބަޔާނުގައި ވެއެވެ.