Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ބިދޭސީ މީހާ މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

މާލެ އަތޮޅު އޮޅުހަލީގައި ތަރައްގީ ކުރަމުންދާ ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އެމީހާގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުންނަށް ފެނިފައިވަނީ ހަތް މީޓަރު އަޑިންކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

ބިދޭސީ މީހާ ގެއްލިގެން ހޯދަން ފެށީ ރޭ 8:30 ހާއިރުން ފެށިގެންނެވެ. އެމްއެންޑީއެފުން ބުނީ ބަންގްލަދޭޝް މީހާ މޫދަށް ފައިބާފައި ވަނީ އޭނާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނެގުމަށެވެ. އެއީ ފަތަން ދަންނަ މީހެއް ނޫން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ބިދޭސީ މީހާގެ ހަށިގަނޑު ސިފައިން ހޯދާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހު ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ދިޔަ ތިން ކުދިންގެ ތެރެއިން ދެ ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެކުދިންގެ އެއްވެސް ހިލަމެއް ނުވެއެވެ.