Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ގެއްލުނު ކުދިން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ވަރުބަލި ކަމެއް ނެތި ޑައިވް ކުރަމުންދާ އިއްބެ،

މިދިޔަ ހޮނިހިރު ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ފަރާތައް މޫދަށް އެރިއުޅެނިކޮށް ގެއްލިފައިވާ ހިތަދޫ ޓޮޕާޒު، މަޔާމީން އަލީ އާއި، ޗަނބޭލީގެ، އަލީ ފަހުމީ ހޯދުމަށް އެދެކުދިންގެ އާއިލާ އާއި ހިތަދޫ ޒުވާނުން ގުޅިގެން ކުރަމުންދާ މަސައްކަތުން އައްޑޫގެ ބޮޑު ސަރަހައްދެއް ބަަލައިފިއެވެ.

ހޮނިހިރު ދުވަހުގެ މެންދުރުން ފެށިގެން ކުދިން ހޯދުމުގެ މަސައްކަތުގައި ހިތަދޫ، އަލި، ހުސެއިން ސޯލިހް އާއި އެކު ޒުވާނުންގެ ޓީމަކުން ދަނީ މަަސައްކަތް ކުރަމުންނެެވެ. އެގޮތުން ކުދިން ގެއްލުނު ސަރަހައްދުގެ އަޑި، 5 މީޓަރުން ފެށިގެން 50 މީޓަރާއި ހަމައަށް ޑައިވްކޮށް ބަލާފައިވާ އިރު އަލީ ފަހުމީގެ ސޯޓު ފެނުނު ހިތަދޫ ފްލެޓް ސަރަހައްދަށްވެސް ޑައިވްކޮށް ވަނީ ބަލާފައެވެ.

މީގެ އިތުރުން ހިތަދޫ ކޯއްޓޭއިން ފެށިގެން ހުރިހާ ސަރަހައްދެއްގެ ގޮޑުދޮށް ބަލާފައިވާ އިރު އިއްޔެ ވަނީ ދެ ޓީމަކަށް ބަހާލައިގެން ފަޅު ރަށްތައް ބަލާފައެވެ.

މީގެ އިތުރުންވެސް ކުދިން ގެއްލުނު ސަރައްދުގެ ފަރު ސްނޯކޮލްކޮށް ވަނީ ބަލާފައެވެ.

މަޔާމީން އާއި އަލީ ފަހުމީ ހޯދުމުގެ މަސައްކަތް އާއިލާ އާއި ހިތަދޫ ޒުވާނުން ކުރަމުން އަންނަ އިރު އެމްއެންޑީއެފްއިން ވަނީ ރޮބަޓެއް ފޮނުވައިގެން އެ ސަރަހައްދުގެ އަޑިބަލާފައެވެ. މީގެ އިތުރުން ހެލިކޮޕްޓަރ ބޭނުންކޮށްގެން އެ ސަރަހައްދު މަތިން ވަނީ ބަލާފައެވެ.

ގެއްލުނު ދެކުދިންނާއި އެކު މޫދަށް ދިޔަ ހިތަދޫ ބްލޫގޭ، އަލީ ރާއިފްވަނީ ސަލާމަތްވެފައެވެ. އޭނާ ސަލާމަތްކޮށްދިނީ އަޑުއިވުމުން މަހްރޫމުވެފައިވީ ނަމަވެސް ކުޅަދާނަ މަސްވެރިއެއްކަމަށްވާ ބުލޫ ރޯޒް، ހަސަން ދީދީއެވެ. އޭނާގެ އެއަގުހުރި މަސައްކަތް އައްޑޫ ސިޓީ ކައުންސިލުންވަނީ ބަލައިގަނެ ސެޓްފިކެޓް ދީފައެވެ.