Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ބިސް ކޭހެއް ވަގަށް ނެގި ހިތަދޫ މީހަކު ތިން އަހަރަށް ޖަލަށް

ދެ ފަހަރެއްގެ މަތިން ވައްކަމުގެ ކުށް ސާބިތުވެފައިވާ ސ. ހިތަދޫ މީހަކު ބިސް ކޭހެއް ވަގަށް ނެގުމުން ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ހުކުމްކޮށްފައި ވަނީ ހިތަދޫ ދަތުރުނާގޭ އިބްރާހިމް ޖަމީލުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ މާލޭގެ ބާޒާރުމަތީގައި ހުންނަ ވީބީ ފިހާރަ ކައިރީގައި ބަހައްޓާފައި ހުރި ބިސް ކޭހެއް ގެއްލިފައި ވަނިކޮށް އިބްރާހިމްގެ އަތުން އެ ބިސްކޭސް ފެނިފައިވާ ކަމަށެވެ.
އަދި އެ ބިސް ކޭހަކީ ކާކުކަން ނޭނގޭ މީހަކު ވިއްކި އެއްޗެއް ކަމަށް އިބްރާހިމް ބުނި ނަމަވެސް އެކަން އޭނާ އަށް ސާބިތުކޮށް ދެވިފައި ނުވާތީ އާއި އެ ބިސް ކޭސް ފެނިފައި ވަނީ އިބްރާހިމްގެ އަތުން ކަމަށްވާތީ ވައްކަން ކުރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅާ ކަަމަށެވެ.

އެއީ އިބްރާހިމްގެ މައްޗަށް އެ ބާވަތުގެ ކުށެއް ސާބިތުވާ ތިން ވަނަ ފަހަރު ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ ދަށުން ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ހުކުމުގައި ބުނެފައި ވެ އެވެ.