Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

މާލޭގެ ހާލަތު ޔާމީނަކަށް ނޭނގޭ: ޝާހިދު

މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލަތު ރައީސް ޔާމީނަށް އެއްގޮތަކަށްވެސް އެނގިވަޑައިގެންފައި ނުވާކަން ފަޅާއަރާފައިވާ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާ ބެހޭ ފޮތް ނެރުއްވަމުން ދެއްކެވި ވާހަކަފުޅުގައި މާލޭ ތޮށްޖެހިފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވުމުން، ރައްދު ދެއްވުމުގެ ގޮތުން ޝާހިދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މުޅި މާލެ ތޮށްޖެހި، ފިތި ބާރުވެ ރައްޔިތުން ނޭވާލަނީ އެކަކު އަނެކެއްގެ މޫނަށް ކަމަށާއި މާލޭގެ ގިނަ ރައްޔިތުން ނިދަނީ ދަންފަޅި ބަހައިގެން ކަން ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ކިރިޔާވެސް ރަހުމެއް، ކުލުނެއް ހުރި ކަމަށްވާ ނަމަ މިއަދު ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ކައިރިއަށް ވަޑައިގެން، ހާލު އޮޅުންފިލުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ މީގެ ކުރިން މާލެ ތޮށްޖެހިފައި އޮތް އޮތުމަށް ނިމުމެއް އައިސްފައިވާ ކަމަށެވެ. އަދި މިއަދު މާލެއަކީ ޖާގަ ހުރި ބިން އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ތަސައްވުރަކާ އެކު މަސައްކަތް ކުރުމުން މާލެ ފަދަ ތަނަކަށް ހޯދޭނެ ހައްލެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.