ވިލާގެ ފަސް ކުންފުންޏަކުން 166 މިލިއަނަށް ވުރެ ގިނަ ޑޮލަރު (2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން އިންމޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާތައް އިއްޔެ އަނބުރާ ގެންގޮސްފި އެވެ.
އެ ދައުވާތަކަކީ އެ ކުންފުނިތަކަށް ސަރުކާރުން ކުރިން ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށް ކުރި ދައުވާތަކެކެވެ.
ސަރުކާރުން ވަނީ 2015 ވަނަ އަހަރު އެ ރަށްތަކާއި ފަޅުތައް ވިލާ ކުންފުނިތަކުން އަތުލައިފަ އެވެ.
އެ ދައުވާތައް މީރާއިން އަނބުރާ ގެންދިޔައީ އެ މައްސަލާގައި ހިމެނޭ ރަށްތައް ވިލާ ކުންފުނި އަތުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިމަހު ހުކުމް ކޮށްފައި ވަނިކޮށެވެ
މީގެ އިތުރުން އިއްޔެ އެ ދައުވާތައް އަނބުރާ ގެންދިއުމުގެ ކުރިން، މީރާއިން ވަނީ ފްރީޒް ކޮށްފައިވާ ވިލާގެ އެކައުންޓްތައް ވެސް ދޫކޮށްލައިފަ އެވެ.