ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހް އަށް ސައުދީ އަރަބިއްޔާގެ މައްކާއިން ބިމެއް ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.
މައްކާގެ މޭޔަރ، ފަހުދް އަލް ރޫކީ ވަނީ ސަލާހްއަށް މައްކާއިން ބިމެއް ދިނުމަށް ގަސްދު ކުރާ ކަން ހާމަކޮށްފައެވެ. ޕްރިމިއާ ލީގު މޮޅު ކުޅުންތެރިޔާގެ މަގާމަށް ސަލާ ހޮވުމުން އެކަމުގެ އިނާމަކަށް ބިމެއް ދޭން ރޫކީ ނިންމާފައިވެއެވެ.
ނަމަވެސް އޭނާ ވަނީ ސަލާ އަށް ތިން ގޮތެއް ހުށައަޅާފައެވެ. އެއް ގޮތަކީ މައްކާގެ މާތް ބިމުން އޭނާގެ އަމިއްލަ ނަމަށް ބިމެއް ދިނުމެވެ. އަނެއް ގޮތަކީ އެ ބިމުގައި ސަލާގެ ނަމުގައި މިސްކިތެއް ބިނާ ކުރުމެވެ. ތިންވަނަ ގޮތަކީ ސަލާއަށް ދޭ ބިން ވިއްކާލުމަށްފަހު ބިމަށްވާ ފައިސާ ސަލާއަށް ދިނުމެވެ.
މި ތިން ގޮތުން ސަލާ އިޚްތިޔާރު ގޮތަކާއެކު ކުރިއަށް ދާން މިހާރު ރޫކީ ނިންމާފައިވާ ކަމަށް ސައުދީ ނޫސް އެޖެންސީތަކުން ރިޕޯޓުކުރެއެވެ. މިސީޒަނުގައި ލިވަޕޫލާ ގުޅުނު ފަހުން ސަލާ ވަނީ 41 ގޯލު އެޓީމަށް ޖަހާ ދީފައެވެ. ސަލާހް ވަނީ އިނގިރޭސިންނާއި ޔޫރަޕުގައި މުސްލިމް ރީތި އާދަތައް ހަރުލެއްވުމަށް މަސައްކަތް ކުރަމުންނެވެ.