ދިވެހި ރާއްޖޭގައި ފަހަކަށް އައިސް ފޯނުން ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ދިރާގު، އުރީދޫ، ޝީޝާ ފަދަ ތަންތަނުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައިގެން ބޭންކް އެކައުންޓު ނަމްބަރު ފަދަ މުހިއްމު މައުލޫމާތު އަތުލައިގެން މީހުންގެ އަތުން ލާރި ފޭރެމުން ދެއެވެ.
މިފަހަރު މިމީހުން އާންމުންގެ ފޯނުތަކަށް ގުޅަނީ ކުޑަކުދިންގެ ހިޔާގެ ފަރާތުން ކަމަށް ބުނެ ފައިސާ ހޯދުމަށެވެ. ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ނަމުގައި ފައިސާ ހޯދަން ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ހޯދަމުން ދަނީ އެފަރާތުން ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި ހިޔާއާއި ފިޔަވަތީގެ ފަރާތުން މުއާސަލާތީ ޚިދުމަތެއް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދުމަށް ނުގުޅާނެ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ސަމާލުވުމަށް ޖެންޑާއިން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.