Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޔާމީން ޤާނޫނުގެ ތެރެއަށް ވެއްދޭނީ ރައްޔިތުންނަށް: އަމީން

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް - ފޮޓޯ: ވީނިއުސް

ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމީންއާ ވެރިކަން ހަވާލުކުރީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ވެރިކަން ކުރަން ކަމަށާއި، ނަމަވެސް ރައީސް ޔާމީން ވަނީ ޤާނޫނު އަސާސީގެ އިމުން ބޭރުވެފައި ކަމަށާއި އަދި އެމަނިކުފާނު އަލުން ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ވެއްދޭނީ އެމަނިކުފާނާއި ވެރިކަން ހަވާލުކުރި ރައްޔިތުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

އޭގެ ތެރެއިން ފުރަތަމަ އަށް ކުރެއްވި ޓްވީޓްގައި އަމީން ވިދާޅުވީ ރައްޔިތުން ރައީސް ޔާމީންއާ ވެރިކަން ހަވާލުކުރީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ވެރިކަން ކުރަން ވައުދުވުމުން ކަމަށެވެ.

އަދި ޤާނޫނު އަސާސީގެ އިމުން ބޭރުން ވެރިކަން ކުރަން ފެށުމުން ޤާނޫނު އަސާސީން ލާޒިމްކޮށް ބާރުދީފައިވާ އަނެއް ދެ ބާރުން ރައީސް ޔާމީން ޤާނޫނު އަސާސީގެ ތެރެއަށް ވެއްދުމަށް ކުރި މަސައްކަތް ފުނޑާލާފައި އެ ދެ ބާރު ޤާނޫނު އަސާސީ އާއި ޚިލާފަށް ސިފައިންގެ މަދު ބައެއްގެ އެހީގައި ނެތިކޮށްލައިފި ކަމަށް ވެސް އަމީންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަމީން ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވެފައި ވަނީ މި ޙާލަތުގައި ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ރައީސް ޔާމީން ވެއްދޭނީ އެމަނިކުފާނާއި ވެރިކަން ހަވާލުކުރި ދައުލަތުގެ ވެރިން ކަމުގައިވާ ރައްޔިތުންނަށް ކަމަށެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ މިއީ 24 ގަޑިއިރު އިހުތިޖާޖުކޮށް ބަސްނޭހުމަކަށް ގޮސްގެން ނަމަވެސް ޤާނޫނު އަސާސީގެ އިމަށް ރައީސް ޔާމީން ވައްދަން ޖެހޭ ވަގުތު ކަމަށާއި، ކެންޑިޑޭޓަށްވުރެ އިސްކުރަން ޖެހެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކިބައިން ޤައުމު ސަލާމަތްކުރަން ކަމަށެވެ.

އަމީން އަކީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅެކެވެ. އެއަށްފަހު އަމީން ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލައަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ.