ޤައުމުގެ ޙައްޤުގައި، ދިވެހި ދިދައިގެ ޙިމާޔަތުގައި ތެދުވާނެ ދިވެހިން އަބަދުވެސް ތިބޭނެކަމުގެ ކަށަވަރުކަން ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުންގެ ކިބައިން ފެންނަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހި ދަޢުލަތުން މިކުރާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢު ވަރުގަދަ ކުރުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ވަރުގަދަ ކުރުމަށާއި، ޤައުމީ ސަލާމަތްކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްކަމުގައެވެ.
އަދި ޤައުމުގެ ޙައްޤުގައި ވާންޖެހޭ ކޮންމެ ޤުރުބާނިއެއް ވާން ތައްޔާރަށްތިބިކަމާއި، ދަޢުލަތާއި ޤައުމު ސަލާމަތްކުރުމުގައި ކުރާ މަސައްކަތުގައި ސިފައިންގެ އެއްވެސް ފަސްޖެހުމެއް ނެތްކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވުމަކީ ޤައުމަށް ތެދުވެރި ދިވެހި ދަރިންތަކެއްގެ ނަމޫނާ ބަޔަކު މި ޤައުމުގައި ތިބިކަމުގެ ހެއްކެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ސަލާމަތާއި އިސްތިޤްލާލް ރައްކާތެރިކުރުމަށް ދިވެހި ސިފައިން ކުރަމުންދާ އަގުހުރި ބުރަ މަސައްކަތް ވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ދުނިޔޭގައި ޤައުމުތަކަށް ހަމަލާދެވެނީ ޤައުމުގެ ވަކިވަކި ފަރުދުން މެދުވެރިކޮށް ފިކުރީ ހަނގުރާމަ ކޮށްގެންކަމަށާއި، މިއީ ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ކޮންމެ ބަޔަކުވެސް ދަންނަންޖެހޭނެކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި ބޭރުގައި ތިބި ބައެއް ފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ގެންލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވަނީ ޤައުމުގެ މަސްލަހަތު ނަގާލައި ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވައްޓައިލަން ބައެއް ދިވެހިން މަސައްކަތްކުރަމުންދާދިޔުން ކުށްވެރި ކުރައްވާފައެވެ.