މޮޓޯކޭޑްގައި އުޅުއްވާ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އަށް މާލޭގެ ތޮއްޖެހުން އިހުސާސެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ މީގެ ކުރިން މާލެއަކީ ދިރުމެއް ނެތް ތޮއްޖެހިފައި އޮތް ތަނެއް ކަމަށް ޤަބޫލުކުރެވުނަސް މިހާރު މާލެ އޮތީ އެހެން ނޫން ކަމަށާއި މާލޭގައި މިހާރު ބިމާއި ގާޖަ އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Male’ is listed as the world’s 5th densely populated island. Ma.Kaamineege,Yameen never had the guts to run for a seat from Male’ & experience the living condition of ppl during his 20yrs as an MP. In his motorcade he won’t feel the traffic & wont see the garbage. I feel for him pic.twitter.com/5mo6pcewSc
— Ahmed Mahloof (@AhmedMahloof) April 26, 2018
އެ ޓްވީޓްގައި މަހުލޫފް ވިދާޅުވީ މާލެއަކީ ދުނިޔޭގެ ފަސް ވަނަ އަށް ކުޑަ ތަންކޮޅެއްގައި އެންމެ ގިނަ މީހުން އުޅޭ ކަމަށް ލިސްޓް ކޮށްފައިވާތަން ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ރައީސް ޔާމީން ހޭދަކުރެއްވި 20 އަހަރު ތެރޭގައި، މާލޭގެ ދާއިރާއަކަށް ކުރިމަތި ލުމުގެ ހިތްވަރެއް ރައީސް ޔާމީންގެ ނެތް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. މީގެ އިތުރުން މަހުލޫފް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޙާލަތު ހުރިގޮތް ވެސް ރައީސް ޔާމީނަށް ތަޖުރިބާ ކުރެވިފައި ނުވާނެ ކަމަށާއި، މޮޓޯކޭޑްގައި ދަތުރުކުރައްވާ ބޭފުޅަކަށް މާލޭގެ ޓްރެފިކާއި ކުނީގެ މައްސަލަތަކެއް ނުފެންނާނެ ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބާއި އެކީ މާލެއިން އިތުރު 25 ބުރީގެ އިމާރާތްތަކެއް ފެނިދާނެކަމަށް އިއްޔެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން "ރަށްވެހި ތަރައްގީ"ގެ ނަމުގައި، ރައީސް ޔާމީނުގެ ޒަޢާމަތުގައި ރާއްޖޭގެ ރަށްރަށަށް އައިސްފައިވާ ތަރައްޤީގެ ވާހަކަ ހިމެނޭ ފޮތެއް ނެރެދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން މާލެ އަކީ ތޮއްޖެހި ވައި ނުސާފުވެފައިވާ ޓްރެފިކް ބޮޑު ތަނެއް ކަމަށެވެ. ނަމަވެސް މިއަދު ތަސައްވުރަކާއި އެކު އެކަން ބަދަލުވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މާލެއިން އިތުރު 25 ބުރީގެ އިމާރާތްތައް ފެންނާނެކަމަށާއި، އެއިމާރާތްތަކަށް މާލެއިން ޖާގަ ހޯދާނެކަމަށެވެ. އަދި ވެރިކަމަށް އަންނަން ޖެހޭނީ ތަސައްވަރަކާއި އެކު ކަމަށާއި، މާލެ ތޮއްޖެހުން ބަދަލު ކުރަނީވެސް އެފަދަ ތަސައްވުރެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވި އިރު މި ސަރުކާރުން ވަނީ އައިޖީއެމްއެޗްގެ އާ އިމާރާތް 25 ބުރިއަށް ނަގާފައެވެ، އަދި އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތެވެ.